ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ފިލީޕެ ކުޓީނިއޯ ހޯދުމުގެ މަސަތްކަތް އިނގިރޭސިވިލާތުގެ އާސެނަލުން ވެސް ފަށައިފިއެވެ.

އުމުރުން 28 އަހަރުގެ ކުޓީނިއޯ ބަޔާނަށް ކުޅެމުން އަންނަނީ ސްޕެއިންގެ ބާސެލޯނާއާ ބަޔާނާ ދެމެދު ވެވުނު ލޯން އެއްބަސްވުމެއްގެ ދަށުންނެވެ.

މި ސީޒަނުގައި ބަޔާނަށް ކުޅެދިން 22 މެޗުގައި އަށް ގޯލު ޖަހައި ދިން ކުޓީނިއޯ އަށް ފަހަކަށް އައިސް ބަޔާން ކުޅޭ މެޗުތަކުގައި، އެ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތެއް ނުލިބެ އެވެ. ކުޓީނިއޯ އަށް އެދެވޭ ކުޅުމެއް ނުދެއްކޭތީ މި ސީޒަނަށްފަހު އޭނާގެ އެއްބަސްވުން ދާއިމީ ނުކުރަން ބަޔާނުން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންނަމަވެސް ބާސާއާއެކު ހަދާފައިވާ ލޯނު އެއްބަސްވުން އިތުރު އެއް އަހަރަށް ދިގުދަންމަން ބަޔާނުން އަންނަނީ މަސަތްކަތް ކުރަމުންނެވެ.

ބަޔާނުގެ ލޯނު އެއްބަސްވުމަށްފަހު އެނބުރި ބާސެލޯނާ އަށް ގޮސް ބްރެޒިލް މިޑްފީލްޑަރަށް އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުމަކީ ދުރު ކަމަކަށްވާ އިރު އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ރަނގަޅު ހުށަހެޅުމެއް ލިބިއްޖެ ނަމަ ބާސާ އިން ކުޓީނިއޯ ވިއްކާލާނެ ކަމަށް ބެލެވެއެވެ.

އިނގިރޭސިވިލާތުގެ ނޫސްތަކުގައިވާ ގޮތުން ކުޓީނިއޯގެ ސޮއި ހޯދުމާއި އެންމެ ގާތުގައި މިވަގުތު އޮތީ ޗެލްސީ އެވެ. ނަމަވެސް ޗެލްސީގެ އިތުރުން ލަންޑަންގެ ގަދަބާރު އާސެނަލްގެ ލޯ ވެސް މިހާރު ކުޓީނިއޯ އަށް އަމާޒުވެފައިވާއިރު އެޓީމުން ކުޅުންތެރިޔާގެ އޭޖެންޓާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އާސެނަލްގެ ކޯޗް މިކެލް އާޓެޓާގެ ސަމާލުކަން ކުޓީނިއޯ އަށް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް ކުޅުންތެރިޔާގެ އޭޖެންޓް ކިއާ ޖޫރަބްކިއާން ދާދި ފަހުން މީޑިއާތަކާއި ވާހަކަ ދައްކަމުން ބުނީ ބަޔާނުގައި ކުޓީނިއޯ ހުރީ އުފަލުން ކަމަށާއި އަދި މިހާތަނަށް އޭނާގެ މުސްތަގްބަލާއިމެދު ވަކި ގޮތެއް ނިންމާފައިނުވާ ކަމަށެވެ.

ބާސެލޯނާ އިން ކުޓީނިއޯ ގަތީ މީގެ ދެ އަހަރު ކުރިން ލިވަޕޫލަށް 160 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހުއެވެ. އެކަމަކު ބާސެލޯނާގައި ކުޓީނިއޯ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކޭތީ އެ ޓީމުން އޭނާ ދޫކޮށްލީއެވެ.