ކުޅުންތެރިން ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރަން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބުތަކުން ފަށައިފިއެވެ.

ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާ ހެދި އިނގިރޭސިވިލާތުގައި ފުޓްބޯޅަ ހަރަކާތްތައް މެދުކަނޑާލީ މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. މި ސީޒަން ކުރިއަށް ގެންދެވޭނެ މާހައުލެއް ގާއިމްކުރެވޭނެ އިރެއް ޔަގީންކަމާ އެކު އެއްވެސް ފަރާތަކަށް ބުނަން ނޭނގޭތީވެ ލީގު ފެށޭނެ ސީދާ ތާރީހެއް އޮތީ އަދި މިހާތަނަށް އޮތީ ކަނޑަނޭޅިއެވެ.

ލީގު ފެށުމަށް ކުރަމުން އަންނަ މަސަތްކަތަށް އަލިމަގެއް ލިބިގެންދިޔައީ އަންނަ މަހު އިނގިރޭސިވިލާތުގައި ކުޅިވަރު ހަރަކާތްތައް އަލުން ފެށުމަށް އެގައުމުގެ ސަރުކާރުން ހުއްދަ ދިނުމުންނެވެ. މިއާއެކު މީގެ ހަފުތާއެއް ކުރިން އިނގިރޭސި ކްލަބްތަކުން ވަނީ ސޯޝަލް ޑިސްޓެންސިންގެ އުސޫލުތަކާ އެއްގޮތަށް ގްރޫޕް ޓްރެއިނިންތައް ފަށައިފައެވެ. އަދި މިދިޔަ ހޯމަ ދުވަހު އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ކުޅުންތެރިން ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރުމުގެ ހުއްދަ ކްލަބުތަކަށް ދީފައެވެ.

ކުޅުންތެރިން ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރަން ހުއްދަ ދިންއިރު، ޕްރިމިއާ ލީގުން އަންނަނީ ލީގު އަލުން ފެށުމުގެ ކުރިން ކްލަބްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19 އަށް ޓެސްޓް ކުރަމުންނެވެ. މިހާތަނަށް ދެ ބުރެއްގެ މަތިން ހުރިހާ ކްލަބެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ވައިރަހަށް ޓެސްޓު ކޮށްފައެވެ. ދެ ބުރުން ޖުމްލަ އަށް މީހަކު ބައްޔަށް ފައްސިވިއިރު، ޓެސްޓު ކުރުމުގެ ތިންވަނަ ބުރެއްވެސް ކުރިއަށްގެންދާނެ ކަމަށް ޕްރިމިއާ ލީގުން ވަނީ ހާމަކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށް ޖޫން މަހުގެ 12 ވަނަ ދުވަހު ފަށަން އިނގިރޭސި އެފްއޭ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ލީގު އެއްކޮށް ކެންސަލްކުރަން މީގެ ކުރިން ބައެއް ކްލަބްތަކުން ވާހަކަ ދެއްކި ނަމަވެސް މިހާރު އެ ހިޔާލު ކްލަބްތަކުން ދޫކޮށްލާފައިވާ ކަމަށް ޕްރިމިއާ ލީގުގެ ޗީފް އެގްޒެކްޓިވް ރިޗަޑް މާސްޓާސް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު