ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ސަބަބުން މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގު އަންނަ ޖޫން 17 ވަނަ ދުވަހު އަލުން ފަށަން ނިންމައިފި އެވެ.

ޕްރިމިއާ ލީގުގެ ކުޅުން އަލުން ފަށަން ފާސްކޮށްފައިވަނީ ކްލަބްތަކާއެކު އިނގިރޭސި އެފްއޭ އިން އިއްޔެ ބޭއްވި ހާއްސަ ބައްދަލުވުމަށް ފަހު އެވެ. ބީބީސީ ސްޕޯޓްސް އިން ރިޕޯޓުކުރި ގޮތުގައި ޖޫން 17 ވަނަ ދުވަހު ލީގު އަލުން ފަށަން ނިންމާފައިވަނީ އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ކްލަބެއްގެ ތާއީދާއެކު އެވެ.

ކޮވިޑް-19 ގެ ސަބަބުން އިނގިރޭސި ލީގުގެ ކުޅުން މެދުކަނޑާލީ މާޗް 13 ވަނަ ދުވަހު އެވެ.

ލީގު ފެށުމަށް ކުރަމުން އަންނަ މަސަތްކަތަށް އަލިމަގެއް ލިބިގެންދިޔައީ އަންނަ މަހު އިނގިރޭސިވިލާތުގައި ކުޅިވަރު ހަރަކާތްތައް އަލުން ފެށުމަށް އެގައުމުގެ ސަރުކާރުން ހުއްދަ ދިނުމުންނެވެ. މިއާއެކު މީގެ ހަފުތާއެއް ކުރިން އިނގިރޭސި ކްލަބްތަކުން ވަނީ ސޯޝަލް ޑިސްޓެންސިންގެ އުސޫލުތަކާ އެއްގޮތަށް ގްރޫޕް ޓްރެއިނިންތައް ފަށައިފައެވެ. އަދި މިދިޔަ ހޯމަ ދުވަހު އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ކުޅުންތެރިން ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރުމުގެ ހުއްދަ ކްލަބުތަކަށް ދީފައެވެ.

އަލުން ލީގު ފަށާއިރު އެންމެ ފުރަތަމަ ކުޅުމަށް ހަމަޖައްސާފައިވަނީ އެސްޓޮން ވިލާ އިން އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗާއި ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި އާސެނަލް ބައްދަލުކުރާ މެޗެވެ.

މިފަހަރު އަލުން ކުޅުން ފަށާނީ ހަރުކަށި އުސޫލުތަކެއް ހަދައި ސަޕޯޓަރުން ވެސް ނުވައްދަ އެވެ. ޕްރިމިއާ ލީގުގެ ކުޅުން އަލުން ފެށުމުގެ ކުރިން މިހާރު އަންނަނީ ހުރިހާ ޓީމެއް ވެސް ކޮވިޑަށް ޓެސްޓް ކުރަމުންނެވެ. މިހާތަނަށް ތިން ބުރެއްގެ މަތިން ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ވައިރަހަށް ޓެސްޓު ކޮށްފައެވެ. އެގޮތުން 2700 އަށް ވުރެ ގިނަ ޓެސްޓުތައް ކޮށްފައިވާއިރު އޭގެ ތެރެއިން 12 މީހަކު ވަނީ ކޮވިޑަށް ފައްސިވެފަ އެވެ.

އިނގިރޭސި ލީގުގެ ކުޅުން ހުއްޓާލިއިރު އެއް ވަނައިގައި 25 ޕޮއިންޓުގެ ލީޑަކާއެކު އޮތީ ލިވަޕޫލް އެވެ. ޗެމްޕިއަންކަން ކަށަވަރުކުރަން އެޓީމަށް ބޭނުންވަނީ އެންމެ ހަ ޕޮއިންޓެވެ. ލިވަޕޫލްގެ ފަހަތުން ދެ ވަނައިގައި މެންޗެސްޓާ ސިޓީ އޮތްއިރު ތިން ވަނައިގައި އޮތީ ލެސްޓަ ސިޓީ އެވެ. ހަތަރު ވަނައިގައި ޗެލްސީ އޮތްއިރު ފަސް ވަނައިގައި އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ.

ކިޔުންތެރިންގެ ހިޔާލު