ޕްރިމިއަރ ލީގުގައި ރޭ ބްރައިޓަން އަތުން 0-1 އިން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެއެވެ.

ރޭގެ މޮޅާއެކު ބްރައިޓަން އިން ވަނީ އަންނަ ސީޒަނުގައި ވެސް ޕްރިމިއަރ ލީގުގައި ދެމިތިބެވޭނެކަން ކަށަވަރުކޮށްފައެވެ. މި މޮޅާއެކު ބްރައިޓަން އޮތީ 40 ޕޮއިންޓާ އެކު ލީގުގެ 11 ވަނައިގައެވެ. ރޭގެ މެޗުން ބަލިވި ޔުނައިޓެޑް އޮތީ 77 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ.

ބްރައިޓަންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ބްރައިޓަން އިން ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން ގްލަން މަރީ އާއި އިޒްކުއާޑޯ ފޮނުވާލި ހަމަލާތަށް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ ދިފާއުކޮށްފައެވެ.

ރޭގެ މެޗުގައި ބްރައިޓަން އިން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ 57 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. އިޒްކުއާޑޯ ނަގައިދިން ހުރަހަކުން މި ގޯލު ބްރައިޓަން އަށް ކާމިޔާބުކޮށްދިނީ ޕަސްކަލް ގްރޮސްއެވެ.

ފުރަތަމަ ހާފްގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް ޔުނައިޓެޑަށް ތަނަވަސްނުކުރެވުނު ނަމަވެސް ދެވަނަ ހާފްގައި އެޓީމުން ވަނީ ރަނގަޅު ދެ ފުރުސަތެއް ތަނަވަސްކޮށްފައެވެ. އެގޮތުން ރަޝްފޯޑް ފޮނުވާލި ހަމަލާ ބްރައިޓަންގެ ކީޕަރު ދިފާއުކުރިއިރު، ބްރައިޓަންގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ލިންގާޑް ފޮނުވާލި ހަމަލާ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ.

ރޭގެ މޮޅާއެކު އަންނަ ސީޒަނުގައި ވެސް ޕްރިމިއަރ ލީގުގައި ދެމިތިބެވޭނެކަން ބްރައިޓަން އިން ކަށަވަރު ކުރިއިރު މި ސީޒަނަކީ 34 އަހަރަށް ފަހު އެޓީމުން ޕްރިމިއަރ ލީގުގައި ވާދަކުރި ފުރަތަމަ ސީޒަންކަން ފާހަގަކޮށްލެވެއެވެ.

ރޭގެ މެޗުން ޔުނައިޓެޑް ބަލިވުމާއެކު އެޓީމު ވަނީ ރަށުގައި ބޭރުގައި ކުޅެ މި ސީޒަނުގެ ޕްރިމިއަރ ލީގަށް އަލަށް ކޮލިފައިވި ތިން ޓީމު އަތުން ވެސް މިހާރު ބަލިވެފައެވެ. މީގެކުރިން ޔުނައިޓެޑް ވަނީ ލީގަށް މިފަހަރު އަލަށް ކޮލިފައިވި ހަޑަލްސްފީލްޑް އާއި ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު