ސްޕެއިނިޝް ލަލީގާ ޖޫން މަހު 11 ގައި އަނެއްކާ ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. ލަލީގާ އިން ހާމަކުރި ގޮތުގައި ކޮރޯނާގެ ހާލަތު ސްޕެއިންގައި ކުރިއަށްދާ ގޮތެެއް ބެލުމަށްފަހު ޖުލައި މަހުގައި މި ސީޒަން ނިންމަން ބޭނުން ވާކަމަށެވެ.

ކޮރޯނާ އާއި ގުޅިގެން ކުޅިވަރުގެ ހުރިހާ ހަރަކާތެއް މިދިޔަ މާރޗް މަހު 12 ގައި މެދު ކަނޑާލުމާއި ގުޅިގެން ސްްޕެއިނިޝް ލަލީގާ ވެސް ވަނީ ހުއްޓާލާފައެވެ. ސްޕެއިން ސަރުކާރުގެ ކުޅިވަރާ ބެހޭ އިދާރާއިން ވިދާޅުވި ގޮތުގައި ލަަލީގާ އަނެއްކާ ފެށުމަށް ސްޕެއިނިޝް ސޮކާ ފެޑެރޭޝަން އާއި ލަލީގާ އާއި މިހާރު ވަނީ އެއްބަސްވުމެއް ހެދިފައި ކަމަށެވެ.

ޖޫން 11 ގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ސެވިއްޔާ އާއި ރިއަލް ބެޓިސް އެވެ. އަދި އެޔަށްފަހު ތާވަލް ކުރެވިފައިވާ ގޮތަށް މެޗުތައް ކުރިއަށް ދާނެއެވެ. ލަލީގާގެ ރައީސް ޖާވިއޭ ޓެބާސް ބުނިގޮތުގައި އެންމެ މުހިންމު ކަމަކީ މިހާރު ސީޒަން ނިންމުން ކަމަށާއި، އެމީހުންނަށް އަމިއްލަ އަށް މަރުހަބާ ކިޔޭނީ އަންނަ ސީޒަން ފެށުމުން ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ އުންމީދު ކުރާ ގޮތުގައި ޖުލައިމަހު ގައި މި ސީޒަންގެ އެންމެ ފަހު މެޗު ކުޅެވޭނޭ ކަމަށާއި އެހެން ވެއްޖެނަމަ އެންމެ އުދަގޫ ހާލަތުން އަރައި ގަނެވިފައި ވާކަމަަށް ބުނެވޭނޭ ކަމަށެވެ. ލަލީގާގެ ކުޅުންތެރިން މިހާރު ވަކިވަކިން ފަރިތަކުރުން ތައް ކުރިއަށް ގެންދަން ފަށާފައި ވާއިރު ހުރިހާ ކުޅުންތެރިން އެއްކޮށް ފަރިތަކުރުން ތަކުގައި ވަރަށް އަވަހަށް ބައިވެރިވާން ފަށާނޭ ކަމަށް ލަލީގާއިން ބުނެފައިވެއެވެ.

58 ޕޮއިންޓާއެކު މިދިޔަ އަހަރުގެ ޗެންޕިއަން ބާރސެލޯނާ މިހާރު ތާވަލްގެ އެއްވަނައިގައި އޮތީ ވާދަވެރި ރިއަލް މެޑްރިޑް އަށްވުރެން 2 ޕޮއިންޓް ކުރީގައެވެ. ލަލީގާގައި ބާކީ 11 މެޗް މި ސީޒަންގައި ހުރިހާ ޓީމަކުންވެސް އަދި ކުޅެން ޖެހެއެވެ.