ފޯޓޫނާ ޑުސެލްޑޯފް އަތުން ފަސޭހަ މޮޅެއް ހޯދައި ބަޔާން މިއުނިކުން ޖަރުމަން ލީގް ތާވަލުގެ އެންމެ ކުރީގައި 10 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުން ބަޔާން މޮޅުވީ 5-0 އިންނެވެ. މުޅި މެޗުހެން ކޮންޓްރޯލް ކޮށްގެން ކުޅުނު ބަޔާނުން އެޓީމްގެ ފުރަތަމަ ގޯލް ޖެހީ ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައެވެ. މި ގޯލަކީ ޑުސެލްޑޯފްގެ މަތިއަސް ޖޯގެންސަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ބަޔާނުން މެޗުގައި ލީޑު ފުޅާކުރީ މެޗުގެ 29 ވަނަ މިނެޓުގައެވެ. މިޑްފީލްޑަރު ޖޯޝުއާ ކިމިޗް ނަގައިދިން ކޯނަރަކުން މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ފްރާންސްގެ ޒުވާން ޑިފެންޑަރު ބެންޖަމިން ޕަވާޑް އެވެ. އޭގެ ފަހުން ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ތޯމަސް މުލާ ތަނަވަސްކޮށްދިން ފުރުސަތަކުން ފޯވަޑް ރޮބަޓް ލެވަންޑޯސްކީ ވަނީ ގޯލެއް ޖަހައި ބަޔާންގެ ލީޑު ފުޅާކޮށްދީފައެވެ.

ރޭގެ މެޗުގެ ދެވަނަ ހާފުގައި ވެސް ބަޔާނުން މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި އެ ޓީމުން ވަނީ ހަތަރު ވަނަ ގޯލް ކާމިޔާބުކޮށްފައެވެ. ޖަރުމަނުގެ ޒުވާން ފޯވަޑް ސާޖް ގްނަބްރީ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލް ވެސް ކާމިޔާބުކުރީ ލެވަންޑޯސްކީ އެވެ.

ލީގުގައި 29 ގޯލް މިހާތަނަށް ޖަހައިފައިވާ ލެވަންޑޯސްކީ ވަނީ މި ސީޒަނުގައި ބުންޑެސްލީގާގައި ވާދަކުރަމުން އަންނަ ހުރިހާ ޓީމެއް ކޮޅަށް ވެސް ގޯލް ޖަހައި ރެކޯޑް ހަދައިފައެވެ. ލެވަންޑޯސްކީ އަކީ މި ސީޒަނުގެ ޔޫރަޕިއަން ގޯލްޑެން ބޫޓް އެވޯޑަށް ވެސް އެންމެ ގާތުން ވާދަކުރަމުން އަންނަ ކުޅުންތެރިޔާކަން ފާހަގަކޮށްލެވެއެވެ. ލިސްޓުގެ އެންމެ ކުރީގައި ލެވަންޑޯސްކީ މިވަގުތު އޮތްއިރު ދެވަނައިގައި އޮތީ 27 ގޯލާއެކު އިޓާލިއަން ސެރިއާގައި ކުޅެމުން އަންނަ ފޯވަޑް އިމޮބައިލްއެވެ.

ރޭގެ މެޗުގައި ބަޔާނުގެ ފަސްވަނަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު އަލްފޮންސޯ ޑޭވީސްއެވެ.

މި މޮޅާއެކު ބަޔާން ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 29 މެޗުން 67 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމުންޑަށް ލިބިފައިވަނީ 28 މެޗުން 57 ޕޮއިންޓެވެ. ލީގުގައި މިރޭ ޕަޑާބޯންއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ބަޔާނާ ދެމެދުގައިވާ ފަރަގު އަނެއްކާވެސް 7 ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ޑޯޓްމަންޑަށް އެބައޮތެވެ.