ލޯނު އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވަޑް މައުރޯ އިކާޑީ އެއްބަސްވުން އެ ކްލަބުން ދާއިމީ ކޮށްފިއެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން އިކާޑީ ޕީއެސްޖީއާ ގުޅުނީ މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައެވެ. އިކާޑީ އިންޓަ ދޫކޮށްލީ އަހްލާގީ މައްސަލަތަކާ ހެދި އެ ކްލަބްގެ މެނޭޖްމަންޓާއި ސަޕޯޓަރުންނާއި އޭނާ އާ ދެމެދު ގުޅުން ގޯސްވެގެން ދިއުމުންނެވެ.

މިދިޔަ ސީޒަނުގައި އިންޓަގެ ކޮންޓްރެކްޓް އާކުރުމާ މެދު އުފެދުނު ދެބަސްވުމަކާ ގުޅިގެން އިކާޑީ އަތުން އެ ކްލަބުން ކެޕްޓަން ބޭންޑް ނެގުމުން އޭނާ ވަނީ އެ ކްލަބަށް ކުޅެން ދެކޮޅު ހަދައިފައެވެ.

އެއާއެކު ޖެހިގެން އައި ޓްރާންސްފާ ބާޒާރުގައި އިކާޑީ އިންޓަ ދޫކޮށްލާނެކަން ކަށަވަރުވި އިރު އުމުރުން 27 އަހަރުގެ ކުޅުންތެރިޔާގެ ސޮއި ފަހު ވަގުތު ހޯދީ ޕީއެސްޖީ އިންނެވެ.

ފްރާންސާއި އިޓަލީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ޕީއެސްޖީން އިކާޑީގެ އެއްބަސްވުން ދާއިމީ ކުރީ ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން 60 މިލިއަން ޔޫރޯ އަށެވެ.

އުމުރުން 27 އަހަރުގެ އިކާޑީ އިންޓައާ ގުޅުނީ ސަމްޕްޑޯރިއާ އިން 2013 ވަނަ އަހަރެވެ. އޭނާ ވަނީ އިންޓަ އަށް 219 މެޗުން 124 ގޯލް ޖަހައިދީފަ އެވެ. ބާސެލޯނާގެ ޔޫތު ޓީމަށް ކުރިން ކުޅުނު އިކާޑީ ވަނީ މިސީޒަނުގައި ޕީއެސްޖީ ޖާޒީގައި 17 ލީގް ގޯލު ޖަހައިފައެވެ.

އިކާޑީގެ އެއްބަސްވުން ދާއިމީ ވުމާއެކު ޕީއެސްޖީ އިން އެޓީމަށް ކުޅެމުން އަންނަ އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީ ދޫކޮށްލާނެ ކަމަށް ބެލެވެއެވެ. އޭނާގެ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ. ރިޕޯޓްތައް ބުނާގޮތުން ކަވާނީ އަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ޓީމުތަކުގެ ތެރޭ އިންޓަ ވެސް ހިމެނެއެވެ.