ބަޔާން މިއުނިކް ޓީމްގައި މި ސީޒަންގެ ޖަރުމަނު ލީގާއި ޖަރުމަން ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކުރެވޭނެ ފެންވަރު އެބަހުރި ކަމަަށް އެ ކްލަބުގެ ލެޖެންޑް ބަސްޓިއަން ޝްވައިންސްޓައިގާ ބުނެފިއެވެ.

ކޮރޯނާ ވައިރަހާ ހެދި ގިނަ ދުވަސްތަކެއް ވަންދެން ފުޓްބޯޅަ ހަރަކާތްތައް މެދުކަނޑާލާފައި އޮތުމަށްފަހު މިހާރު އަލުން ފަށާފައިވާއިރު ޔޫރަޕްގެ ބޮޑު ފަސް ލީގުގެ ތެރެއިން އެންމެ ކުރިން ނިންމަން ހިފާފައިވަނީ ޖަރުމަން ލީގެވެ. ޖަރުމަން ލީގް އަލުން ފަށައިގެން މިހާތަނަށް ކޮންމެ ޓީމަކުން ވެސް މަދުވެގެން ދެ މެޗު ކުޅެފައިވާއިރު ގިނަ ޓީމުތަކަށް ބާކީ ދެން އޮތީ އެންމެ ހަ މެޗެވެ.

ލީގުގެ ފަހު މެޗުތަކާ ހަމައަށް އައިސްފައިވާއިރު 10 ޕޮއިންޓްގެ ލީޑަކާއެކު ބަޔާނުން އަންނަނީ ޖެހިޖެހިގެން 8 ވަނަ ލީގް ތަށި ހޯދުމާއި ގާތަށް ޖެހެމުންނެވެ. ލީގުގެ ދެވަނައިގައި އޮތް ވާދަވެރި ބޮރޫޝިޔާ ޑޯޓަމަންޑް އަތުން މިދިޔަ ހަފްތާގައި ހޯދި މުހިއްމު މޮޅާއެކު ބަޔާނަށް ލީގުގެ އައްޑަނަ ލިބުމުގައި މިހާރު ދެން މާ ބޮޑު ހުރަހެއް ނެތެވެ.

ލީގު ގާތްގަނޑަކަށް ކަށަވަރުވެފައިވާ ބަޔާން ވަނީ ޖަރުމަން ކަޕްގެ ސެމީ ފައިނަލަށް ވެސް ދަތުރުކޮށްފައެވެ.

މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި ކުޅެ ޗެލްސީ އަތުން 3-0 އިން މޮޅުވެފައިވުމުން މުބާރާތުގެ ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު އެޓީމަށް ވަރަށް ބޮޑެވެ.

ސީޒަނުގެ ތިން މުބާރާތް ވެސް ކާމިޔާބު ކުރުމުގެ ފުރުސަތު ބަޔާނަށް އޮތްއިރު މިކަން ހާސިލްވެއްޖެނަމަ އެކަން ވެގެންދާނީ އެ ޓީމުން ޓްރެބަލް ކާމިޔާބުކުރާ ދެވަނަ ފަހަރަށެވެ. މީގެ ކުރިން ބަޔާނުން ވަނީ 2013 ވަނަ އަހަރު ޗެމްޕިއަންސް ލީގާއި ޑޮމެސްޓިކް ދެ މުބާރާތް ވެސް ކާމިޔާބުކޮށް ޖަރުމަން ކްލަބްތަކުގެ ތެރެެއިން ޓްރެބަލް ޙާސިލްކުރި ފުރަތަމަ ކްލަބުގެ ޝަރަފް ހޯދައިފައެވެ.

ބަޔާނުން އެންމެ ފަހުން ޓްރެބަލް ނެގިއިރު އެންމެ މުހިއްމު ރޯލެއް އަދާކުރި އެކަކީ މިޑްފީލްޑަރު ބަސްޓިއަން ޝްވައިންސްޓައިގާއެވެ.

ބަޔާނާއެކު 2001 ގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރު ފަށައި އެޓީމަށް 500 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ ޝްވައިންސްޓައިގާ ބުނީ މިސީޒަންގައި ވެސް ބަޔާނަށް ޓްރެބަލް ނެގުމުގައި ހުރަހެއް ނެތް ކަމަށާއި އެ ފެންވަރު އެ ކްލަބުގައި އެބަހުރި ކަމަށް ބުނެފައެވެ.

"ޔޫރަޕްގެ އެހެން ކްލަބުތަކާ އަޅާ ކިޔާނަމަ ބަޔާނަށް ޓްރެބަލް ނެގިދާނެ. ޗެމްޕިއަންސް ލީގް ވެސް ކާމިޔާބު ކުރެވިދާނެ. ލިވަޕޫލް ވެސް ކަޓައިފި. އެހެންކަމުން ފުރުސަތު ބޮޑު. އަނެއްކޮޅުން ކަޕްގައި ވެސް އަމިއްލަ ދަނޑުގައި ކުޅެން ޖެހޭ މެޗެއް އޮތީ. ސަޕޯޓަރުންނާ ނުލާ ކުޅުނަސް އަމިއްލަ ދަނޑުގައި ކުޅެންޏާ އެ ތަފާތު ދައްކާނެ،" ޝްވައިންސްޓައިގާ ބުންޏެވެ.

ބަޔާންގެ ކޯޗްކަމުން ނިކޯ ކޯވަކް ވަކިކޮށް އެ މަގާމް ހަންސީ ފްލިކްއާ ހަވާލުކުރި ފަހުން އެ ޓީމުން އަންނަނީ ޑޮމެސްޓިކް އަދި ޔޫރަޕްގައިވެސް ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.