އިނގިރޭސި ޒުވާން މިޑްފީލްޑަރު ޖޭޑަން ސާންޗޯ ދެވަނަ ހާފުގައި ދެއްކި މޮޅު ކުޅުމާއެކު ބޮރޫޝިޔާ ޑޯޓްމަންޑުން ޕަޑާބޯން ބަލިކޮށް ޖަރުމަން ލީގުގެ އެއްވަނައިގައި އޮތް ބަޔާން މިއުނިކާ އެޓީމާ ދެމެދުގައިވާ ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފިއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުން ޑޯޓްމަންޑް މޮޅުވީ 6-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ވާދަވެރި ބަޔާނާ ދެކޮޅަށް ކުޅުނު މެޗުގައި ކަކުލަށް ހާނިކަވުމުގެ ސަބަބުން ރޭގެ މެޗުގައި ޑޯޓްމަންޑުގެ ޒުވާން ތަރި އާލިން ހާލަންޑް ނުކުޅެއެވެ. ހާލަންޑު ނުފެނުނު ނަމަވެސް ބަޔާން މެޗުގެ ދެވަނަ ހާފުގައި ކުޅެން ނުކުތް 20 އަހަރުގެ ސާންޗޯ އަށް ރޭގެ މެޗުގެ ފުރަތަމަ އެގާރައިން ކޯޗް ލޫޝިޔަން ފާވްރޭ ވަނީ އަލުން ފުރުސަތު ދީފައެވެ.

ރޭގެ މެޗުގައި ޑޯޓްމަންޑުން ޖެހި ހަ ގޯލް ވެސް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފުގެ ކުރީކޮޅު ޑޯޓްމަންޑުން ވަނީ ކައިރި ކައިރީގައި ދެ ގޯލް ޖަހައި ލީޑް ނަގައިފައެވެ. ފުރަތަމަ ގޯލް މެޗުގެ 54 ވަނަ މިނެޓުގައި ޖެހީ މެޗުގައި އެޓީމުގެ ކުރިއަށް ކުޅުނު ބެލްޖިއަމްގެ ފޯވަޑް ތޯގަން ހަޒާޑެވެ. އޭގެ ތިން މިނެޓު ފަހުން ހޫލިއަން ބްރަންޓްގެ އެހީތެރިކަމާއެކު ދެވަނަ ގޯލް ޑޯޓްމަންޑަށް ޖަހައިދިނީ ސާންޗޯއެވެ.

ސާންޗޯގެ ގޯލުން ޑޯޓްމަންޑަށް ދެ ގޯލުގެ ލީޑެއް ލިބުނު ނަމަވެސް 72 ވަނަ މިނެޓުގައި ޕަޑާބޯން އިން ފަރަގު ކުޑަކުރިއެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ހުނެމަޔާއެވެ. މިއީ އޭރިޔާ ތެރެއިން އެމްރޭ ޗޭންގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލައި ރެފްރީ ޕަޑާބޯން އަށް ދިން ޕެނަލްޓީ އެކެވެ.

ޕަޑާބޯން އިން ފަރަގު ކުޑަކުރިތާ ދެ މިނެޓު ފަހުން ޑޯޓްމަންޑަށް ދެވަނަ ފަހަރަށް ދެ ގޯލްގެ ލީޑެއް ހޯދައިދިނީ ސާންޗޯއެވެ. މެޗުގެ 85 ވަނަ މިނެޓުގައި ޑިފެންޑަރު އަޝްރަފް ހަކީމީ ޑޯޓްމަންޑުގެ ހަތަރު ވަނަ ގޯލް ކާމިޔާބު ކުރިއިރު، އޭގެ ހަތަރު މިނެޓު ފަހުން ފަސްވަނަ ގޯލް ޖެހީ މާސެލް ޝްމެލްޒާއެވެ. ޑޯޓްމަންޑުން ހަ ވަނަ ގޯލް ޖަހައި ސާންޗޯ އޭނާގެ ހެޓްރިކް ފުރިހަމަކުރީ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައެވެ.

ރޭގެ މެޗުގައި ޖެހި ތިން ގޯލާއެކު މިސީޒަންގައި ސާންޗޯ ލީގުގައި ޖަހާފައިވާ ގޯލުގެ އަދަދު ވަނީ 17 އަށް އަރައިފައެވެ. ޖަރުމަން ލީގުގެ ރަން ބޫޓަށް ވާދަކުރަމުން އަންނަ ކުޅުންތެރިންގެ ލިސްޓުގެ ތިންވަނައިގައި އޮތް ސާންޗޯ ވަނީ ލީގުގައި އިތުރު 16 ގޯލް ޖެހުމުގައި އެހީތެރިވެދީފައެވެ.

ރޭގެ މޮޅާއެކު ޑޯޓްމަންޑުން ވަނީ އެއްވަނައިގައި އޮތް ބަޔާންގެ ލީޑު ހަތް ޕޮއިންޓަށް ކުޑަކޮށްފައެވެ. ބަޔާން އެއްވަނައިގައި އޮތީ 29 މެޗުން 67 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ޑޯޓްމަންޑް އޮތީ 29 މެޗުން 60 ޕޮއިންޓް ލިބިގެންނެވެ.