ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވަޑް ކީލިއަން އެމްބާޕެ އިނގިރޭސި ކްލަބަކަށް ބަދަލުވުމަކީ މުޅި ޕްރިމިއާ ލީގަށް ވެސް އޭގެ ކުރިއެރުންތަކެއް އަންނާނެ ކަމެއް ކަމަށް ނިއުކާސަލް ޔުނައިޓެޑްގެ ލެޖެންޑް އަލަން ޝިއެރާ ބުނެފިއެވެ.

ބްރެޒިލްގެ ތަރި ނޭމާ އާއެކު ޕީއެސްޖީގެ ފޯވަޑް ލައިން ލީޑް ކުރަމުން އަންނަ އެމްބާޕެ އަކީ މިވަގުތު ދުނިޔޭގެ ކޮންމެ ކްލަބަކުންވެސް ހޯދަން ބޭނުންވާ ކުޅުންތެރިޔެކެވެ. އުމުރުން އަދި އެންމެ 21 އަހަރު ނަމަވެސް 7 މޭޖާ ތައްޓާއެކު އެމްބާޕެ އަންނަނީ ފުޓްބޯޅަ ދުނިޔޭގައި ދުވަހެއް ދުވަހަކަށް އޭނާގެ ވިދުން ގަދަކުރަމުންނެވެ.

ދުނިޔޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި ޒުވާން ފޯވަޑުގެ ސޮއި ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން މަސަތްކަތް ކުރަމުން އަންނައިރު އޭނާ ބަދަލުވުން އެންމެ ގާތީ ސްޕެނިޝް ލީގަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ހާއްސަކޮށް ސްޕެއިންގެ ރެއާލް މެޑްރިޑަކީ އެމްބާޕެ ކުޑައިރު ސަޕޯޓް ކުރި ކްލަބަށް ވެފައި އަދި ކޯޗް ޒައިނިދީން ޒިދާންގެ ފޭވަރިޓަކަށް އޭނާ ވުމުން ކައިރި މުސްތަގްބަލެއްގައި މެޑްރިޑުން އެމްބާޕެ ފެނުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.

ފާއިތުވި ދެ ސީޒަނުގެ ޓްރާންސްފާ މާކެޓްގައި ވެސް ރެއާލުން ވަނީ އެމްބާޕޭ ގަންނަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ރެއާލަށް އެމްބާޕެ ބަދަލުވުން ގާތް ނަމަވެސް ޕްރިމިއާ ލީގުގެ ލެޖެންޑް އަލަން ޝިއެރާ ބޭނުންވަނީ ފްރެންޗް ކުޅުންތެރިޔާ އިނގިރޭސި ކްލަބަކަށް ބަދަލުވާށެވެ.

"އަހަރެން ވަރަށް ބޮޑަށް ތާއީދު ކުރަން ތިކަމަށް. ޒުވާން އުމުރެއްގައި އޭނާ ދައްކަމުން އަންނަ ހުނަރުތަކާއި، ޖަހަމުން އަންނަ ގިނަ ގޯލްތަކާއި އަމިއްލަ ނަފްސަށް އެ އޮންނަ އިތުބާރާއެކު ޕްރިމިއާ ލީގަށް އެމްބާޕެ އައިސްފިނަމަ އެއީ މުޅި ލީގަށް ވެސް ލިބޭ ކުރިއެރުމަކަށް ވާނެ،" ޝިއެރާ ބުންޏެވެ.

ޝިއެރާގެ ވާހަކަތައް މިހެން ހުއްޓަސް އެމްބާޕެ އިނގިރޭސިވިލާތަށް ބަދަލުވެދާނެ ކަމަށް ނުބެލެވެއެވެ.

މިދިޔަ އަހަރު ކުރީކޮޅު ރެއާލްގެ ކޯޗުކަމާ އަލުން ޒިދާން ހަވާލުވުމަށް ފަހު އެމްބާޕޭ ގެންނަން ކުރާ މަސައްކަތް ވަނީ ވަރުގަދަކޮށްފަ އެވެ. އަދި ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އެމްބާޕޭ އަށް ރެއާލުން ބޮޑު ބިޑެއް ކުރާނެ ކަމަށް ބެލެވެ އެވެ ދައްކައިފަ އެވެ.