މިއަހަރު ބޭއްވުމަށް ތާވަލުކޮށްފައި އޮތް 19 ވަނަ ގައުމީ ބޮޑީބިލްޑިންގް އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ނުބޭއްވުމަށް ބޮޑީބިލްޑިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނިންމައިފި އެވެ.

މިކަމާ ގުޅިގެން ބޮޑީބިލްޑިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނީ ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔޭގަ އަދި ރާއްޖޭގައި އެޅިފައިވާ އެކިއެކި ފިޔަވަޅުތަކާއި، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިފައިވުމާ ގުޅިގެން، އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މަޝަވަރާ އާއި، ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފްގެ ލަފާފުޅާއި އަދި އެ އެސޯސިއޭޝަންގެ އާންމު މެންބަރުންނާއި ކުރެވުނު މަޝްވަރާ ތަކަށްފަހު، މި އަހަރުގެ ގައުމީ ބޮޑީބިލްޑިންގް އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ނުބޭއްވުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި މި މުބާރާތް ކެންސަލް ކުރުމުގެ އިތުރަށް ގައުމީ ބޮޑީބިލްޑިންގް ޓީމަށް އެތުލީޓުން ހޮވުން ވެސް އަންނަ އަހަރަށް ފަސްކުރުމަށް ނިންމާފައިވާ ކަމަށެވެ.

ބޮޑީބިލްޑިންގް އެސޯސިއޭޝަނުން ބުނީ ދެން މި މުބާރާތް ބާއްވާނީ އަންނަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. އަދި ގައުމީ ބޮޑީބިލްޑިންގް އެންޑް ފިޒީކް ސްޕޯޓްސް ޓީމަށް އެތުލީޓުން ހޮވާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ދެވަނަ ދުވަހު ކަމަށެވެ.

ގައުމީ ބޮޑީބިލްޑިންގް މުބާރާތް މިއަހަރު ނުބޭއްވުމަށް ނިންމިއިރު، މިދިޔަ ހަފްތާގައި ބޮޑީބިލްޑިންގް އެސޯސިއޭޝަނުން ވަނީ ރާއްޖޭގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް 54 ވަނަ އޭޝިއަން ބޮޑީބިލްޑިންގް އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކޮށްފައެވެ. މީގެ ކުރިން މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ތާވަލުކޮށްފައި އޮތީ މިއަހަރުގެ ސެޕްޓެމްބަރު 5ން 11 އަށެވެ. އެކަމަކު ދެން މި މުބާރާތް އޮންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާ ތެރޭގައެވެ.