މެންޗެސްޓާ ޔުނައިޓެޑުން ލޯން އެއްބަސްވުމެއްގެ ދަށުން އެ ކްލަބަށް ގެނައި ނައިޖީރިޔާގެ ފޯވާޑް އޮޑިއޯން އިގާލޯގެ އެއްބަސްވުން އިތުރުކޮށްފި އެވެ.

އިގާލޯގެ އެއްބަސްވުން އިތުރުކޮށްފައިވާކަން ޔުނައިޓެޑުން ވަނީ ކަށަވަރުކޮށްދީފައެވެ. އާ އެއްބަސްވުމުގެ ދަށުން އަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް އިގާލޯ ޔުނައިޓެޑްގައި މަޑުކުރާނެ އެވެ.

ޔުނައިޓެޑުން އިގާލޯ ހޯދީ މިދިޔަ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގެ ފަހު ދުވަހު އެވެ. އިތުރު ފޯވަޑެެއް ގެންނަން ޔުނައިޓެޑަށް މަޖުބޫރުވީ މާކަސް ރެޝްފޯޑަށް އަނިޔާވެ ހީކުރި ވަރަށް ވުރެ ދިގު މުއްދަތަކަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހުމުންނެވެ. ޔުނައިޓެޑުން އެންމެ ފުރަތަމަ މަސަތްކަތް ކުރީ ނޯވޭގެ ޒުވާން ތަރި އާލިން ހާލަންޑް ލިބޭތޯއެވެ. އެހެންނަމަވެސް އެކަން ކާމިޔާބު ނުވުމުން ޓްރާންސްފާ ބާޒާރު ނިމެން ކައިރިވެފައި ވަނިކޮށް ލޯނެއްގެ ދަށުން އެއްވެސް ފީ އެއް ނުދައްކައި މެއި 31 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގެ ޝެންހާއީ އިން އިގާލޯ ގެނައީއެވެ.

ކޮވިޑް-19 އާ ހެދި މެދުކަނޑާލާފައިވާ ޕްރިމިއާ ލީގު އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ މެދުތެރޭގަ އެވެ. ސީޒަން ނިމެންދެން އުމުރުން 30 އަހަރުގެ އިގާލޯ ޔުނައިޓެޑްގައި ބަހައްޓަން އެޓީމުން ނިންމީ ސީޒަން ދިގުލައިދާތީ ފޯވަޑެއްގެ ބޭނުން ޖެހޭނެތީ އެވެ.

އުމުރުން 30 އަހަރުގެ އިގާލޯ ވަނީ މީގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ވަޓްފޯޑަށް ކުޅެފަ އެވެ. އޭނާ ޗައިނީސް ސުޕަ ލީގަށް ބަދަލުވީ މީގެ ތިން އަހަރު ކުރިންނެވެ. އިގާލޯ ވަނީ ޔުނައިޓެޑާ ގުޅުނު ފަހުން އެޓީމަށް ކުޅެދިން މެޗުތަކުގައި ހަތަރު ގޯލް ޖަހައިދީފަ އެވެ.