ޖަރުމަންގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ފިލީޕެ ކުޓީނިއޯ އެނބުރި އިނގިރޭސި ޕްރިމިއާ ލީގަށް ދާން ބޭނުންވާ ކަމަށް އޭނާގެ އޭޖަންޓް ބުނެފިއެވެ.

އުމުރުން 28 އަހަރުގެ ކުޓީނިއޯ ބަޔާނަށް ކުޅެމުން އަންނަނީ ސްޕެއިންގެ ބާސެލޯނާއާ ބަޔާނާ ދެމެދު ވެވުނު ލޯން އެއްބަސްވުމެއްގެ ދަށުންނެވެ.

ލިވަޕޫލްގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ކުޓީނިއޯގެ ސޮއި ބާސެލޯނާ އިން ހޯދީ މީގެ ދެ އަހަރު ކުރިން ލިވަޕޫލަށް 160 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހުއެވެ. އެކަމަކު ބާސެލޯނާގައި ކުޓީނިއޯ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކޭތީ އެ ޓީމުން އޭނާ ދޫކޮށްލީއެވެ.

މި ސީޒަނުގައި ބަޔާނަށް ކުޅެދިން 22 މެޗުގައި އަށް ގޯލު ޖަހައި ދިން ކުޓީނިއޯ އަށް ފަހަކަށް އައިސް ބަޔާން ކުޅޭ މެޗުތަކުގައި، އެ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތެއް ނުލިބެ އެވެ. ކުޓީނިއޯ އަށް ބަޔާންގެ ޖާޒީގައި އެދެވޭ ކުޅުމެއް ނުދެއްކޭތީ 130 މިލިއަން ޑޮލަރަށް އޭނާ ގަތުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފާފައިނުވާ ކަމަށް ބަޔާނުގެ ޗެއާމަން ކާލް ހެއިންޒް ރުމެނިގާ ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

ބަޔާނުގެ ލޯނު އެއްބަސްވުމަށްފަހު އެނބުރި ބާސެލޯނާ އަށް ގޮސް ބްރެޒިލް މިޑްފީލްޑަރަށް އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުމަކީ ދުރު ކަމަކަށްވާ އިރު އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ރަނގަޅު ހުށަހެޅުމެއް ލިބިއްޖެ ނަމަ ބާސާ އިން ކުޓީނިއޯ ވިއްކާލާނެ ކަމަށް ބެލެވެއެވެ.

ކުޓީނިއޯ އަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ބޮޑަށް އިނގިރޭސި ކްލަބްތަކުންނެވެ. އެގޮތުން ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް އަދި އާސެނަލުން ވެސް ވަނީ ކުޓީނިއޯ އަށް ފާރަލަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިވަގުތު ރޭހުގެ ކުރީގައި އޮތީ އާސެނަލް ކަމަށްވެ އެވެ.

އިނގިރޭސި ބޮޑެތި ކްލަބްތަކުގެ ލޯ ކުޓީނިއޯ އަށް އަމާޒުވެފައިވާއިރު ކެރިއަރުގެ ކޮންމެވެސް ހިސާބަކުން އެނބުރި ޕްރިމިއާ ލީގަށް ބަދަލުވާން ކުޅުންތެރިޔާ ބޭނުންވާ ކަމަށް އޭނާގެ އޭޖަންޓް ޖޫރަބްކިއާން ވަނީ ބުނެފައެވެ.

“ އޭނާ ބޭނުންވޭ އެނބުރި ޕްރިމިއާ ލީގަށް ދާން. އެކަން ވާނީ މިއަހަރު ކަމެއް ނުވަތަ އަންނަ އަހަރުކަމެއް ބުނާކަށް ނޭނގޭ، އަދި މިހާތަނަށް މިކަހަލަ އެއްވެސް މަޝްވަރާއެއް ކޮށްފައެއް ނެތް، “ ސްކައިސްޕޯޓްސްއާ ވާހަކަ ދައްކަމުން ޖޫރަބްކިއާން ބުންޏެވެ.

އާސެނަލްގެ ކޯޗް މިކެލް އާޓެޓާގެ ސަމާލުކަން ކުޓީނިއޯ އަށް ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވީ ނަމަވެސް ޖޫރަބްކިއާން ބުނީ ކުޓީނިއޯގެ ފޯކަސް މިވަގުތު ހުރީ އަނިޔާއިން މުޅިން ރަނގަޅުވެގެން އެނބުރި ކުޅުމުގެ ތެރެއަށް އައިސް، ބަޔާނާއެކު މި ސީޒަން ފުރިހަމަ ކުރަން ކަމަށާއި ކްލަބް ދޫކޮށްލުމާއިމެދު ވެސް އަދި ވަކި ގޮތެއް ނިންމާފައިނުވާ ކަމަށެވެ.