ކޮލޯން އަތުން މުހިއްމު މޮޅެއް ހޯދައި ލީޕްޒިގުން ޖަރުމަން ލީގް ތާވަލުގެ ތިންވަނަ އަށް ޖެހިލައިފިއެވެ.

ކޮލޯންގެ ދަނޑުގައި ރޭ ކުޅުނު މެޗް ލީޕްޒިގުން ކާމިޔާބުކުރީ 4-2 އިންނެވެ. މިދިޔަ ހަފްތާގައި ހާތާ ބާލިންއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރު ވުމުން ތާވަލުގެ އެންމެ ކުރީގައި އޮތް ބަޔާން މިއުނިކާއި ބޮރޫޝިޔާ ޑޯޓްމަންޑަށް ބާރު ބޮޑުކުރުމަށް ރޭގެ މެޗުން ތިން ޕޮއިންޓް ހޯދަން ލީޕްޒިގަށް އޮތީ މަޖުބޫރުވެފައެވެ. އަމިއްލަ ދަނޑުގައި ހާތާ ބާލިންއާ 2-2 އިން އެއްވަރުވެ، ލީގުގެ ދެ ވަނަ އަށް އަރަން ލިބުނު ރަނުގެ ފުރުސަތު ނަގާލުމުން ލީޕްޒިގުގެ ކޯޗު ޖޫލިއަން ނާގަލްސްމަން ވަނީ ވަރަށް ބޮޑަށް ނުރުހުން ވެސް ފާޅުކޮށްފައެވެ.

މޮޅެއް ހޯދަން ރޭގެ މެޗަށް ނުކުތް ލީޕްޒިގް ހާސްކަމުގެ ތެރެއަށް ވެއްޓުނީ މެޗް ފަށައިގެން ހަތް ވަނަ މިނެޓުގައި ކޮލޯން އިން ގޯލެއް ޖަހައި ލީޑް ނެގުމުންނެވެ. މެޗުގެ ފުރަތަމަ ދިހަ މިނެޓް ތެރޭ މޮޅަށް ކުޅެމުންދިޔަ ކޮލޯން ޓީމަށް ލީޑް ނަގައިދިން ގޯލް ޖެހީ ފޯވަޑް ޖޯން ކޮރްޑޯބާ އެވެ. މި ގޯލުގެ ކުރިން އެޓީމްގެ އެލްވިސް ރެގްޒްބެކާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ލީޕްޒިގުގެ ގޯލްކީޕަރު ޕީޓާ ގުލާކްސީ ވަނީ މަތަކޮށްފައެވެ.

ކޮރްޑޯބާގެ ގޯލަށްފަހު ވެސް ކޮލޯނުން ދިޔައީ ލީޕްޒިގުގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން އޭރިޔާ ތެރެއިން ކޮރްޑޯބާ މުޅިން ހުހަށް ހުރެ ބޮލުން ޖެހި ބޯޅަ ގޯލަށް ނުވަދެ ސަލާމަތްވީ ގުލާކްސީގެ ހުޝިޔާރުކަމުންނެވެ. ކޮލޯނުން މޮޅަށް ކުޅެމުންދިޔަ ނަމަވެސް ލީޕްޒިގުން ވަނީ އެޓީމަށް ލިބުނު ފުރަތަމަ ހުސް ފުރުސަތުގެ ބޭނުން ހިފައި މެޗްގެ ނަތީޖާ އެއްވަރުކޮށްފައެވެ. އެންޖެލީނޯ ނަގައިދިން ހުރަހެއްގައި މި ގޯލް މެޗްގެ 20 ވަނަ މިނެޓުގައި ޖެހީ ޕެޓްރިކް ޝިކް އެވެ.

ލީޕްޒިގުން ނަތީޖާ އެއްވަރު ކުރުމާއެކު ދެން ފެނިގެންދިޔައީ ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެކެވެ. ލީޕްޒިގުން ފުރަތަމަ ފަހަރަށް މެޗްގައި ލީޑް ނެގީ ފުރަތަމަ ހާފު ނިމެން ހަތް ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ކްރިސްޓޮފާ އެންކުންކޫ ޖެހި ގޯލުންނެވެ.

ފުރަތަމަ ހާފާ ހިލާފަށް ލީޕްޒިގުން ދެވަނަ ހާފު ފެށީ ވަރުގަދަކޮށެވެ. މެޗްގެ 50 ވަނަ މިނެޓުގައި ކީޕަރު ގުލާކްސީ ތަނަވަސްކޮށްދިން ފުރުސަތަކުން ލީޕްޒިގުގެ ތިންވަނަ ގޯލް ޖެހީ ޒުވާން ފޯވަޑް ޓިމޯ ވާނާ އެވެ. މި ގޯލާއެކު މިސީޒަންގައި ވާނާ ކާމިޔާބުކޮށްފައިވާ ލީގް ގޯލުގެ އަދަދު ވަނީ 25 އަށް އަރައިފައެވެ.

މެޗްގެ 55 ވަނަ މިނެޓުގައި އެންތޮނީ މޮޑެސްޓެ ޖަހައިދިން ގޯލުން ކޮލޯން އިން ފަރަގު ކުޑަކުރި ނަމަވެސް އޭގެ ތިން މިނެޓް ފަހުން ޑެނިއެލް އޮލްމޯ ވަނީ ލީޕްޒިގުގެ ލީޑް އަނެއްކާވެސް ތިން ގޯލަށް ފުޅާކޮށްދީފައެވެ. ލީޑް އިތުރަށް ފުޅާކުރަން ލީޕްޒިގަށް އިތުރު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެއިން އެއްވެސް ހަމަލާއެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މި މޮޅާއެކު ލީޕްޒިގް ތިންވަނަ އަށް ޖެހިލީ 29 މެޗުން 58 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނައިގައި ބަޔާން އޮތީ 67 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ޑޯޓްމަންޑަށް ލިބިފައިވަނީ 60 ޕޮއިންޓެވެ.