މިހާރު ސްރީލަންކާގެ ކޮލަމްބޯގައި ކުރިޔަށްދާ ސައުތް އޭޝިޔަން ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕުގެ 400 މީޓަރު ދުވުމުގެ ފައިނަލަށް ރާއްޖޭގެ ޒުވާން ދުވުންތެރިޔާ މުހައްމަދު ނާއިލް ދަތުރުކޮށްފިއެވެ.

400 މީޓަރު ދުވުމުގެ ފައިނަލަށް ނާއިލް ދަތުރުކުރީ އޭނާ މިއަދު ވާދަކުރި ހީޓްގެ ދެވަނަ ހޯދައިގެންނެވެ. 49.62 ސިކުންތުން އޭނާ ރޭސް ނިންމި އިރު ހީޓުގެ އެއްވަނަ އަށް ދިޔަ ލަންކާ ދުވުންތެރިިޔާ ރޭސް ނިންމާފައިވަނީ 48.21 ސިކުންތުންނެވެ.

ނާއިލް އަކީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ދަށުން ބޮސްޓްވާނާ ގައި ތަމްރީން ހަދަމުންދާ 4 އެތުލީޓުންގެ ތެރެއިން އެތުލީޓެކެވެ. ހަމައެހެންމެ ނާއިލް ވަނީ ރާއްޖޭގެ ގިނަ ރެކޯޑު ތަކެއް ވެސް ހަދާފައެވެ.

އެގޮތުން 400 މީޓަރު ދުވުމުގައި ރާއްޖޭގެ ޖޫނިއާ ރެކޯޑު ތިން ފަހަރެއްގެ މަތިން ނާއިލް ވަނީ އާކޮށްފައެވެ. އެންމެ ފަހުން އޭނާ މި ރެކޯޑު އާކޮށްފައިވަނީ މިއަހަރު ބޮސްޓްވާނާ ފްރެންސިސް ޓައުންގައި ކުރިއަށްދިޔަ ބޮޓްސްވާނާ އެތުލެޓިކްސް އެސޯސިއޭޝަން ސީރީސްގަ އެވެ.

ރާއްޖެ ޓީމުން މިއަދު ވާދަ ކުރި ދުވުންތެރިންގެ ތެރޭގައި 400މީޓަރު ދުވުމުގައި އަހްމަދު އަލީ އަދި 100މީޓަރު ދުވުމުގައި ވިޝާން އިބްރާހިމް ވަނީ ވާދަ ކޮށްފައެވެ. ދެ ދުވުންތެރިންވެސް ހީޓުގައި ދުވުމަށްފަހު ފައިނަލަށް ގޮސްފައެއް ނުވެއެވެ.