އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އަންނަ ސީޒަން ނިމެންދެން ބާސެލޯނާގައި މަޑުކުރާނެކަން ކަށަވަރު ވެއްޖެއެވެ.

2017 ވަނަ އަހަރުގައި މެސީ ބާސެލޯނާ އާއިއެކު ހަދާފައިވާ 4 އަހަރުގެ އެއްބަސްވުމުގެ ދަށުން ހިލޭ ޓްރާންސްފާގައި އޭނާއަށް ކުލަބް ދޫކޮށްލުމަށް އޮތް ފުރުސަތު މެއި 30 ގައި ހަމަވެފައި ވާތީ އަންނަ ސީޒަން ނިމެންދެން އޭނާ ބާސެލޯނާގައި މަޑުކުރަން ޖެހޭނެއެވެ.

އަންނަ ސީޒަންގައި މެސީގެ އެއްބަސްވުން ބާސެލޯނާ އާއިއެކު ހަމަވާއިރު މިހާތަނަށް މެސީ އެއްބަސްވުން އާކޮށްފައި ނުވެއެވެ. ނަމަވެސް ބާސެލޯނާގެ ރައީސް ބާޓޮމިއޯ ހާމަކުރި ގޮތުގައި އިތުރު ފަސް އަހަރު މެސީ ބާސެލޯނާގައި މަޑުކުރާނެއެވެ.

މީގެ ދުވަސް ކޮޅެއްގެ ކުރިން ބާސެލޯނާގެ ސްޕޯޓިން ޑައިރެކްޓާރ އެރިކް އާބިދަލް އާއި ޖެހުނު މައްސަލައެއް ގައި މެސީ ބާސެލޯނާ ދޫކޮށްލަން އުޅޭކަމުގެ އަޑުތައް މީޑިޔާ ތަކުގައި ފެތުރުނެވެ. ނަމަވެސް މެސީ ވަނީ އޭނާ އަދި ބާސެލޯނާގައި މަޑުކުރަން ބޭނުންވާކަމަށް ބުނެފައެވެ.

މިދިޔަ ނޮވެމްބަރު މަހު ބާސެލޯނާގެ ރައީސް ބާޓެމިއޯ ބުނިގޮތުގައި އެންޑްރެސް އިނިއެސްޓާަ ސޮއި ކުރި ކަހަލަ އުމުރު ދުވަހުގެ އެއްބަސްވުމެއް މެސީއަށް ދޭންވަނީ ނިންމާފައެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ފަހުން ބާސެލޯނާއިން ހާމަކޮށްފައި ނުވެއެވެ.

އުމުރުން 32 އަހަރުގެ މެސީ ބާސެލޯނާގެ ޔޫތު ޓީމާއި ގުޅުނީ 2001 ވަނަ އަހަރުގައެވެ. 2004 ވަނަ އަހަރު މެސީވަނީ ބާސެލޯނާގެ ސީނިއާ ޓީމަށް ކުޅެން ފަށައި މިހާތަނަށް 718 މެޗުން 627 ލަނޑު ކާމިޔާބުކޮށް ދީފައެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް 6 ފަހަރަށް ހޯދި ލިއޮނަލް މެސީވަނީ ބާސެލޯނާ އާއިއެކު ސްޕެއިނިޝް ލީގު 10 ފަހަރަށް ކާމިޔާބުކޮށް އަދި ޗެންޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބު ކޮށްފައެވެ.