އިނގިރޭސިވިލާތުގެ އާސެނަލްއާއެކު ހަދާފައިވާ އެއްބަސްވުން އާ ކުރަން އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް ތައްޔާރުވެއްޖެ އެވެ.

ޗެލްސީ ދޫކޮށް ލުއިޒް އާސެނަލް އަށް ބަދަލުވީ 8 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީ އަކަށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ލުއިޒް އާސެނަލް އަށް ސޮއި ކުރީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެހެންނަމަވެސް ދެ ފަރާތުން ބޭނުންވެއްޖެ ހިނދެއްގައި ކޮންޓްރެކްޓަށް އިތުރު އެއް އަހަރު އިތުރު ކުރުމުގެ އޮޕްޝަނެއް އެ އެއްބަސްވުމުގައި ވަނީ ހިމެނިފައިވެއެވެ.

އަންނަ އޮގަސްޓް މަހު ލުއިޒްގެ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު، އާސެނަލުން ލުއިޒްގެ އެއްބަސްވުން މި ސީޒަން ނިމެންދެން އާކުރާނެ ކަމަށް އޭނާގެ އޭޖެންޓް ވަނީ ދާދި ފަހުން ބުނެފަ އެވެ.

ލުއިޒްގެ އޭޖެންޓް އިތުރަށް ބުނީ މި ސީޒަން ނިމެންދެން އެއްބަސްވުން އާކުރާއިރު، އަންނަ ސީޒަނުގައި ވެސް ލުއިޒް އާސެނަލް ޖާޒީގައި ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ..

ލުއިޒްގެ ޓްރާންސްފާ އާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އޭނާ ކުރީގެ ކްލަބް ބެންފީކާގެ ރައީސް ލުއިސް ފެލިޕެ ވިއެރާ ވިދާޅުވީ 33 އަހަރުގެ ޑިފެންޑަރު އަންނަނީ އާސެނަލްގެ އެއްބަސްވުން އާ ކުރަން ތައްޔާރު ވަމުން ކަމަށާއި ލުއިޒް އަލުން ބެންފީކާ އަށް ގެންދިއުމުގެ ފެންވަރެއް މިވަގުތު އެ ކްލަބުގައި ނެތް ކަމަށެވެ. ލުއިޒް ވަނީ މީގެ ކުރިން ބެންފީކާ އަށް އަލުން ދާން ބޭނުންވާ ކަމަށް މީޑިއާގައި ތަކުރާރުކޮށް ބުނެފައެވެ.

ބެންފީކާގައި 5 އަހަރު ހޭދަކުރި ލުއިޒް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޗެލްސީ އަށް ކުޅެފައެވެ. އެންމެ ފުރަތަމަ ބެންފިކާ ދޫކޮށް 2011 ވަނަ އަހަރު ލުއިޒް ޗެލްސީ އަށް ބަދަލުވެ، ތިން އަހަރު އެ ޓީމަށް ކުޅެދިނެވެ. އަދި 2014 އިން ފެށިގެން ޕީއެސްޖީ އަށް ކުޅެދިނުމަށްފަހު ލުއިޒް، ޗެލްސީ އަށް ދެ ވަނަ ފަހަރަށް ބަދަލުވީ 2016 ވަނަ އަހަރު އެވެ. އާސެނަލަށް މިހާތަނަށް ލުއިޒް ވަނީ 32 މެޗު ކުޅެދީފަ އެވެ.