އިނގިރޭސިވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅެމުން އަންނަ ފޯވަޑް ހެރީ ކޭން އަކީ މިހާރުވެސް ޕްރިމިއާ ލީގުގެ ލެޖެންޑެއް ކަމަށް އޭނާގެ ޓީމް މޭޓް ލޫކަސް މޯރާ ބުނެފިއެވެ.

ޓޮޓެންހަމްގެ ފޯވަޑް ލައިން ލީޑް ކުރަމުން އަންނަ ހެރީ ކޭން އަކީ ފާއިތުވެދިތަ ހަ ވަރަކަށް ސީޒަނަށް ބަލާއިރު ޕްރިމިއާ ލީގުން އެވްރެޖް ގޮތެއްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެއް ސެންޓްރަލް ފޯވަޑެވެ. ދެފައިން ވެސް ބާރަށް ބޯޅައިގަ ޖަހާ އަދި ގޯލާ ރައްޓެހި ކޭން އަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއް ކަމާ މެދު ދެބަސްވާނެ މީހުން މަދުވާނެއެވެ. އޭނާގެ އެހީއާއެކު ޓޮޓެންހަމުން ވަނީ ފަހަކަށް އައިސް ގަވާއިދުން ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ނިންމައި ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދައިފައެވެ. މިދިޔަ ހަ ސީޒަނުގެ ތެރެއިން ކޮންމެ ސީޒަނެއްގައި ވެސް ލީގުގައި ގިނަ އަދަދެއްގެ ގޯލް ޖަހާފައިވާ ކޭން ވަނީ އޭގެ ތެރެއިން ދެ ސީޒަނުގައި ޕްރިމިއާ ލީގުގެ ރަން ބޫޓް ވެސް ހާސިލްކޮށްފައެވެ.

ކޭން އަކީ ގޯލް ޖެހުމުގައި މިވަގުތު މުޅި ދުނިޔެއިން ވެސް ނަގާލެވޭ މޮޅު ކުޅުންތެރިޔެއްގެ ގޮތުގައި ޓޮޓެންހަމްގެ ކޯޗް ޖޯސޭ މޮރީނިއޯ ވަނީ ފާހަގަކޮށްފައެވެ. މޮރީނިއޯގެ ފަހުން މިފަހަރު 26 އަހަރުގެ އިނގިރޭސި ފޯވަޑަށް ތައުރީފް އޮއްސާލީ އޭނާ އާއެކު ޓޮޓެންހަމްގެ ކުރި ބަލަހައްޓަމުން އަންނަ ބްރެޒިލްގެ ލޫކަސް މޯރާއެވެ.

"ކޭން އަކީ މިހާރުވެސް ޕްރިމިއާ ލީގް ލެޖެންޑެއް. އަހަރެން ހަައިރާންވޭ އޭނާގެ ކިބައިގަ ގޯލް ޖެހުމަށް އެ ހުންނަ ހުނަރު ފެނިފައި. ކަނާތު ފައިންވެސް ވާތު ފައިންވެސް ވަރަށް ބާރަށް ބޯޅައިގަ ޖަހާ. އަނެއްކޮޅުން ކޭން އަކީ ވަރަށް ކޮމްޕެޓެޓިވް ކުޅުންތެރިޔެއް. އޭނާ ބޭނުންވާނެ ކޮންމެ ކަމެއްވެސް އެންމެ ފުރިހަމަ އަށް ކުރަން. އެއީ މެޗެއްވިޔަސް ޓްރެއިނިންގް ސެޝަންއެއް ވިޔަސް. އަހަރެމެންގެ ބެސްޓް ނުދޭ ނަމަވެސް ޝަކުވާ ކުރާނެ. ކޭންގެ އެ ހުންނަ ކޮމްޕެޓެޓިވް ކަމުގެ ސަބަބުން ޓީމުގެ އެހެން ކުޅުންތެރިންނަށްވެސް ރަނގަޅު އަސަރު ކުރޭ،" މޯރާ ބުންޏެވެ.

ކޭން މިވަގުތު ހުރީ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައެވެ. އޭނާގެ ފަލަމަސްގަނޑާއި ކުޑަ ހުޅަށް އަނިޔާވީ މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު ޕްރިމިއާ ލީގުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗުތެރެއިންނެވެ. އަނިޔާވުމުން ކޭން ވަނީ އޮޕަރޭޝަނެއް ކޮށްފައެވެ.