ކޮރޯނާ ވައިރަހުގެ ނުރައްކަލާ ހެދި ރައްކާތެރިކަމުގެ ގޮތުން ބޭރުގައި އުޅޭއިރު މާސްކާއި އަންގި ބޭނުން ކުރުމަށް ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް އޭނާގެ ކުޅުންތެރިންނަށް އިރުޝާދު ދީފިއެވެ.

ކޮރޯނާ ވައިރަހާ ހެދި ގިނަ ދުވަސްތަކެއް ވަންދެން އިނގިރޭސި ފުޓްބޯޅަ ސީޒަން މެދުކަނޑާލާފައި އޮތުމަށްފަހު މި މަހުގެ 17 ވަނަ ދުވަހު އަލުން ފެށުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރު ވަމުންނެވެ. ފުޓްބޯޅަ ސީޒަން އަލުން ފަށަން ނިންމި ނަމަވެސް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ސަޕޯޓަރުން ނުވައްދައެވެ.

ދެ މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ލީގް އަލުން ފަށާއިރު ކްލަބްތަކުން ވަނީ މިދިޔަ ހަފްތާގައި ކޮންޓެކްޓް ވެވޭ ގޮތަށް ޓްރެއިނިންގް ކުރިއަށް ގެންދަން ފަށައިފައެވެ.

ކޮވިޑްގެ ހާލަތާއި ބެހޭގޮތުން ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނީ ފުޓްބޯޅަ އެނބުރި އައި ނަމަވެސް އަދިވެސް އެންމެ އިސްކަމެެއް ދޭންވާނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ. ލިވަޕޫލްގެ ކުޅުންތެރިންނާއި އޮފިޝަލުން ވެސް ބޭރުގައި އުޅެނީ މާސްކާއި އަންގިފަދަ ތަކެތި އަޅައިގެން ކަމަށާއި އެގޮތަށް އިނގިރޭސިވިލާތުގެ އާންމުން އަމަލު ނުކުރަނީ ކީއްވެގެން ކަމެއް އޭނާ އަށް ނުވިސްނޭ ކަމަށް ބުންޏެވެ.

"ހީވަނީ މިހާރު %100 ރައްކާތެރި މާހައުލެއް ގާއިމްކުރެވިއްޖެހެން. އެކަމަކު އިންފެކްޝަން ނުހުންނާނެއެކޭ ޔަގީންކަމާއެކު ބުނަން ނޭނގޭނެ. މިއީ އެންމެނަށް ކުރިމަތިވެފައިވާ ބޮޑު ޗެލެންޖެއް. އެކަމަކު އަހަރެންގެ ކުޅުންތެރިން ވަރަށް ބަސްއަހާ. ބޭރަށް ދަނީ މާސްކާއި އަންގި ވެސް އަޅައިގެން. އަހަންނަށް ނުވިސްނުނު އެހެން މީހުންވެސް މިހެން އަމަލު ނުކުރަނީ ކީއްވެ ކަމެއް. ޖަރުމަނުގައި މިހެން އަމަލުކޮށްގެން ވަރަށް ފައިދާވި. އަހަންނަކީ މިކަމުގެ މާހިރެއް ނޫން. އެކަމަކު މާސްކާއި އަންގި އެޅުމަކީ ފައިދާހުރި ކަމެއްކަން އިނގޭ،" ކްލޮޕް ބުންޏެވެ.

ލިވަޕޫލްގެ ކުޅުންތެރިން ޓީމް ޕްރެކްޓިހަށް ހާޒިރު ވަނީ އަމިއްލަ އަށް ބޭނުންވެގެން ކަމަށާއި އެކަމަށް ކްލަބުގެ ފަރާތުން މަޖުބޫރެއް ނުކުރާނެ ކަމަށް ކްލޮޕް ވަނީ މީގެ ކުރިން ބުނެފައެވެ. އޭނާ ބުނީ ކުޅުންތެރިން ޕްރެކްޓިހުގައި ބައިވެރިނުވިޔަސް އެއްވެސް އަދަބެއް ނުދޭނެ ކަމަށެވެ. ޕްރިމިއާ ލީގް މިމަހުގެ 17 ގައި ފަށާއިރު ފުރަތަމަ ދުވަހު އޮންނާނީ އެސްޓަން ވިލާ އާއި ޝެފީލްޑް ޔުނައިޓެޑުގެ މެޗާއި މެންޗެސްޓާ ސިޓީ އާއި އާސެނަލް ވާދަކުރާ މެޗެވެ.