އިނގިރޭސިވިލާތުގެ ލެސްޓާ ސިޓީ އަށް ކުޅެމުން އަންނަ މިޑްފީލްޑަރު ޖޭމްސް މެޑިސަންގެ ކޮންޓްރެކްޓް އާ ކުރުމުގެ މަސަތްކަތް އެ ކްލަބުން ފަށައިފިއެވެ.

ނޯވިޗް ސިޓީން މީގެ ދެ އަހަރު ކުރިން ލެސްޓާއާ ގުޅުނު އުމުރުން 23 އަހަރުގެ މެޑިސަން އަކީ ޕްރިމިއާ ލީގުގައި މިސީޒަންގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔެކެވެ. ބްރެންޑަން ރޮޖާސްގެ އިރުޝާދުގެ ދަށުން ލެސްޓާ މި ސީޒަނުގައި އެއް ފެންވަރެއްގައި ހިފަހަައްޓަމުން އަންނައިރު ޓީމުގެ މެދުތެރެ ބެލެހެއްޓުމުގައި މެޑިސަން އަންނަނީ މުހިއްމު ރޯލެއް އަދާކުރަމުންނެވެ.

މެޑިސަން ލެސްޓާއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން ކައިރިވެފައިވާއިރު ކޮންޓްރެކްޓް އާ ކުރުމުގެ މަޝްވަރާތައް ވަރަަށް އަވަހަށް ފަށާނެ ކަމަށް ރޮޖާސް ވަނީ ބުނެފައެވެ. ކޮންޓްރެކްޓާ ބެހޭ މަޝްވަރާތައް މީގެ ދެ މަސް ކުރިން ފެށުމަށް ލެސްޓާ އިން ވަނީ މަސަތްކަތް ކޮށްފައެވެ. އެހެންނަމަވެސް ކޮރޯނާ ވައިރަހާ ހެދި ފުޓްބޯޅަ ސީޒަން މާޗް މަހު މެދުކަނޑާލުމުން އެފަހަރު އެކަން ކުރިއަށް ނުގެންދެވުނީއެވެ.

"މެޑިސަން އާއި މޯގަންގެ ކޮންޓްރެކްޓް ހަމަވާން ކައިރިވެފަ އެތިބީ. އެމީހުން މިހާރު އަންނަނީ އެނބުރި ޓްރެއިނިންގަށް އައިސް ކުޅުމުގެ ތެރެއަށް އަލުން ދާން ތައްޔާރުވަމުން. މި ކުޅުންތެރިންގެ އޭޖެންޓުންނާއެކު ކޮންޓްރެކްޓާ ބެހޭ މަޝްވަރާތައް ވަރަށް އަވަހަށް ފެށިގެންދާނެ،" ރޮޖާސް ބުންޏެވެ.

ލެސްޓާ އިން މެޑިސަންގެ ކޮންޓްރެކްޓް އާ ކުރަން އުޅޭއިރު އިންގްލަންޑުގެ ބައެއް ބޮޑެތި ކްލަބްތަކުން ވަނީ އޭނާ ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެގޮތުން މެންޗެސްޓާ ޔުނައިޓެޑް އަކީ ފަހަކަށް އައިސް މެޑިސަން އަށް އެންމެ ބޮޑަށް ފާރަލި ޓީމެވެ. ރިޕޯޓްތައް ބުނާގޮތުން އާ އެއްބަސްވުމާއެކު މެޑިސަން އަށް މިހާރު ލިބޭ މުސާރައިގެ ދެގުނަ ލިބިގެންދާނެއެވެ.

މިހާރުގެ އެއްބަސްވުމުގައިވާ ގޮތުން ލެސްޓާ އިން އޭނާ އަށް ދެނީ ހަފްތާއަކު 50000 ޕައުންޑެވެ. މެޑިސަންގެ އިތުރުން ޑިފެންޑަރު ވެސް މޯގަން އާއި ކްރިސްޓިއަން ފުޗުސް އަށް ވެސް ލެސްޓާ އިން އާ ކޮންޓްރެކްޓެއް ހުށަހަޅާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މޯގަން އަކީ ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު ލެސްޓާ އިން 2016 ވަނަ އަހަރު ޕްރިމިއާ ލީގު ކާމިޔާބުކުރި އިރު ޓީމްގެ ކެޕްޓަނެވެ.