ދެ މަސް ދުވަހުގެ ބޮޑު މެދުކެނޑުމަކަށްފަހު ޕްރިމިއާ ލީގް މި މަހު ފަށާ އިރު ޕައުލް ޕޮގްބާ ފަދަ މޮޅު ކުޅުންތެރިޔަކާއެކު ކުޅެން ފުރުސަތު ލިބޭނެތީ ވަރަށް ހިތްހަމަޖެހިގެން ހުރި ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ޕޯޗުގަލް މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް ބުނެފިއެވެ.

ޖެނުއަރީ މަހު 55 މިލިއަން ޕައުންޑުގެ ފީއެއްގެ ދަށުން ޕޯޗުގަލްގެ ސްޕޯޓިންގް އިން ޔުނައިޓެޑަށް ބަދަލުވުމަށްފަހު ލީގް މެދުކަނޑާލަންދެން ތަފާތު މޮޅު ކުޅުމެއް ދެއްކި ބްރޫނޯ ފެނާންޑޭސް އަދި މިހާތަނަށް ޔުނައިޓެޑްގެ ތަރި ޕައުލް ޕޮގްބާއާއެކު ދަނޑުމަތިން ފެނިފައިނުވެއެވެ. ފެނާންޑޭސް ޔުނައިޓެޑާ ގުޅުނުއިރު ޕޮގްބާ ހުރީ އަނިޔާގައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު ފަހުކޮޅު ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން ނުކުޅެ ހުރުމަށް ފަހު ޑިސެމްބަރު މަހު ޕޮގްބާ އެނބުރި އައިސް ކޮންމެވެސް ވަރަކަށް ކުޅުނު ނަމަވެސް ދެވަނަ ފަހަރަށް އޭނާގެ ހާލަތު ގޯސްވީއެވެ. އޭގެ ފަހުން ކުޑަހުޅުގެ އަނިޔާއަށް ދާއިމީ ފަރުވާ އެއް ހޯދުމަށް އޮޕަރޭޝަނެއް ކުރަން ޖެހުމުގެ ސަބަބުން ދިގު މުއްދަތަކަށް ޕޮގްބާ ކުޅުމާ ދުރަށް ދާން ޖެހުނީއެވެ.

ކޮރޯނާވައިރަހުގެ ވަބާ އަށްފަހު ފުޓްބޯޅަ ސީޒަން މި މަހު އަލުން ފަށާއިރު، އަނިޔާއިން މުޅިން ރަނގަޅު ވުމަށްފަހު އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ކެތްމަދުވެފައިވާ ކަމަށް ޕޮގްބާ ވަނީ ދާދިފަހުން ބުނެފައެވެ. ޕޮގްބާގެ އެނބުރި އައުމަކީ ޔުނައިޓެޑަށް އުފާވެރިކަން ގެނެސްދޭނެ ކަމެއް ކަން ޔަގީނެވެ. އެގޮތުން ފްރާންސް ކުޅުންތެރިޔާގެ އިންތިޒާރުގައި ހުރި އެކަކީ ބްރޫނޯ ފެނާންޑޭސްއެވެ.

ފެނާންޑޭސް ބުނީ ޕޮގްބާ ފަދަ ދުނިޔޭގެ އެންމެ މަތީ ފަންތީގައި ހިމެނޭ ކުޅުންތެރިޔަކާއެކު ކުޅެން ކެތްމަދުވެފައިވާ ކަމަށެވެ.

”އަހަރެން ގަބޫލުކުރާ ގޮތުގަ ޕޮގްބާ އަކީ މެންޗެސްޓާގައިވެސް އަދި މުޅި ދުނިޔެއިން ވެސް ނަގާލެވޭ އެންމެ މޮޅު އެކަކު. އަހަރެން އަބަދުވެސް ވަރަށް ބޭނުންވާ ކަމެއް އެއީ އެންމެ މޮޅެތި ކުޅުންތެރިންނާއެކު އެއް ޓީމެއްގަ ކުޅެން. އެހެންކަމުން ޕޮގްބާ އާއެކު ކުޅެން ކެތްމަދުވެފައި މިހިރީ، “ ފެނާންޑޭސް ބުންޏެވެ.

މެންޗެސްޓާގެ ޔޫތު އެކަޑަމީން ތަމްރީންވެ، ޔުވެންޓަސް އަށް 2012 ގައި ބަދަލުވެ ތަފާތު މޮޅު ކުޅުމެެއް ދެއްކުމަށްފަހު ދުނިޔޭގެ ރެކޯޑް އަގެއްގައި ޕޮގްބާ ޔުނައިޓެޑާ ގުޅުނީ 2016 ވަނަ އަހަރުއެވެ.