ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ތަރި ގެރެތް ބޭލް އެނބުރި ޕްރިމިއާ ލީގަށް ދާން ބޭނުންނުވާ ކަމަށް އޭނާގެ އޭޖެންޓް ބުނެފިއެވެ.

ޓޮޓެންހަމްގައި ދެއްކި މޮޅު ކުޅުމާއެކު ރެއާލް މެޑްރިޑްގެ ސަމާލުކަން ހޯދައި ބޭލް 2013 ވަނަ އަހަރު އެ ކްލަބަށް ބަދަލުވީ އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 100 މިލިއަން ޑޮލަރަށެވެ. ރެއާލާއެކު ބޭލް ވަނީ މިދިޔަ ހަތް ސީޒަންގައި ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން ލަލީގާ ދެ ފަހަރު އަދި ޗެމްޕިއަންސް ލީގް ހަތަރު ފަހަރު އޭނާ ވަނީ ރެއާލްގެ ޖާޒީގައި ހޯދައިފައެވެ.

ރެއާލްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ނަމަވެސް ފަހަކަށް އައިސް އޭނާ އަށް އެކަށީގެންވާ ވަރަށް ކުޅުމުގެ ފުރުސަތު ނުލިބޭތީ ބޭލް ވަނީ ކްލަބް ބަދަލުކުރަން ތަކުރާރުކޮށް މަސަތްކަތް ކޮށްފައެވެ. އެގޮތުން ފާއިތުވެދިޔަ ތިން ވަރަކަށް ޓްރާންސްފާ ބާޒާރުގައި އުމުރުން 30 އަހަރުގެ ފޯވަޑް ރެއާލް ދޫކޮށްލަން އުޅޭކަމުގެ އަޑުތައް ގަދައަށް ފެތުރުނުއިރު ކޮންމެ ފަހަރަކުވެސް ރެއާލުން އޭނާ ވިއްކާލުމަށް ދެކޮޅު ހެދީ އެވެ. މި ސީޒަން ފެށުމުގެ ކުރިން ބޮޑު މުސާރައެއް ލިބޭ ގޮތަށް ޗައިނާގެ ޖިއާންސޫ ސަނިން އަށް ބޭލް ސޮއިކުރަން ނިންމާފައިވަނިކޮށް ފަހު ވަގުތު ރެއާލުން ވަނީ އެ ޑީލް ހުއްޓުވައިފަ އެވެ.

ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރު ކައިރި ވަމުން އަންނައިރު ބޭލް ރެއާލް ދޫކޮށްލާނެ ކަމަށް މީޑިއާގައި އަޑު ފެތުރުނު ނަމަވެސް އޭނާގެ އޭޖެންޓް ޖޮނަތަން ބުނީ ބޭލް މެޑްރިޑްގައި ހުރީ އުފަލުން ކަމަށެވެ. އަދި ބޮޑަށް ގާތީ ބޭލް ރެއާލްގައި ކެރިއަރު ނިންމަން ބޭނުންވުން ކަމަށާއި އެ ކްލަބް ދޫކޮށްލިޔަސް ވޭލްސް ކުޅުންތެރިޔާ އެނބުރި ޕްރިމިއާ ލީގަށް ނުދާނެ ކަމަށެވެ.

އޭޖެންޓުގެ ވާހަކަތައް މިހެން ހުރިއިރު މިދިޔަ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ބޭލް އަލުން ގެންނަން ޓޮޓެންހަމުން ވަރަށް ގަދައަށް މަސަތްކަތް ކުރިއެވެ. އެހެންނަމަވެސް އެ ޑީލް ކުރިއަށް ނުދިޔައީ އޭނާ އަށް ރެކޯޑް މުސާރައެއް ދޭން ޓޮޓެންހަމުން ބޭނުންނުވުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.