މެންޗެސްޓާ ޔުނިއިޓެޑަށް އެތައް އަހަރެއް ވަންދެން ކޯޗުކޮށްދީ އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން މަޝްހޫރު ކޯޗް ސާ އެލެކްސް ފާގަސަންގެ ސިކުނޑިއަށް ލޭ އެޅި އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

އުމުރުން 76 އަހަރުގެ ފާގަސަން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މިހާރު ފާގަސަންގެ ސިކުނޑީގެ އިމަޖެންސީ ސާޖަރީއެއް ވަނީ ހަދާފައެވެ.

އޭނާގެ އާއިލާއިންނާއި ރަހުމަތްތެރިންނާއި ހަވާލާދީ ރިޕޯޓުތައް ބުނެފައި ވަނީ އޭނާގެ ސިއްހަތާއި ބެހޭގޮތުން ފާއިތުވި ބުރާސްފަތި ދުވަހުވެސް ޝަކުވާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭރު އެެހާ ސީރިއަސް މައްސަލައެއް ކަމެއް ނޭނގެއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެމްބިއުލާންސުގައި އެންމެ ފުރަތަމަ ފާގަސަން ގެންދިޔައީ މެކަލްސްފީލްޑް ޑިސްޓްރިކްޓް ހޮސްޕިޓަލަށެވެ. ނަމަވެސް އެ ހޮސްޕިޓަލުން ސެލްފޯޑް ރޯޔަލްއަށް އޭނާ ވަނީ ބަދަލު ކޮށްފައެވެ.

ފާގަސަންގެ ހާލަތާއި ބެހޭގޮތުން މައުލޫމާތު ހާމަ ކުރަމުން މެންޗެސްޓާ ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނީ ސާޖަރީއަށް ފަހު ފާގަސަންގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އޭނާ އަނބުރާ ފުރިހަމަ ސިއްހަތަށް އައުމަށް އިތުރު ފަރުވާ ދޭން ޖެހޭ ކަމަށް ބުންޏެވެ. އެ ކްލަބުން އެދިފައި ވަނީ ސަޕޯޓަރުން ފާގަސަންއާއި އޭނާގެ އާއިލާގެ ޕްރައިވެސީ އަށް އިހުތިރާމު ކުރުމަށެވެ.

ފާގަސަން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ކަމުން ރިޓަޔާ ކުރީ 2013 ވަނަ އަހަރުއެވެ. އޭނާ ވަނީ އެ ކްލަބަށް ގިނަ އަދަދެއްގެ ތަށިތަކެއް ހޯދައިދީ އެތައް ބައެއްގެ ލޯބި ހޯދާފައެވެ.