ޔުވަންޓެސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ދުނިޔޭގެ ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ފުރަތަމަ ބިލިއަނަރަށް ވެއްޖެއެވެ. ފޯރބްސް އިން ހާމަ ކުރި ރިޕޯޓް ގައި ވާގޮތުން މިއަހަރުގައި އެންމެ ގިނައިން އާމްދަނީ ލިބޭ ފުޓްބޯޅަ ކުޅުން ތެރިޔަކީ ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯއެވެ.

އެ ރިޕޯޓުގައި ވާގޮތުން ފުރަބަންދަށްފަހު އެންމެ ގިނައިން އާމްދަނީ ލިބޭ އެތުލީޓަކީވެސް ރޮނާލްޑޯއެވެ. އިންސްޓަގުރާމް އިން އެކަނިވެސް ރޮނާލްޑޯއަށް 1.9 މިލިއަން މިލިއަން ޕައުންޑާއި ގާތް އަދަދަކަށް އާމްދަނީ ލިބެއެވެ. 429.3 މިލިއަން މީހުން ރޮނާލްޑޯއަށް އިންސްޓަގުރާމް އިން ފޮލޯކުރާއިރު 65 މިލިއަން ފައުންޑާއި ގާތް އަދަދަކަށް ޔުވަންޓަސްއިން ރޮނާލްޑޯއަށް އާމްދަނީ އާއި ބޯނަސްގެ ގޮތުގައި އަހަރަކު ލިބެއެވެ.

ކުޅިވަރު އެތުލީޓުންގެ ތެރެއިން ކުރިން ބިލިއަނަރުންގެ ގޮތުގައި ހިމެނިފައިވަނީ ފުލޮއިޑް މޭވީތާ އާއި ޓައިގާ ވޫޑްސް އެވެ. 35 އަހަރުގެ ރޮނާލްޑޯ ފާހަގަކުރެވިފައި ވަނީ ކުޅިވަރު އެތުލީޓުންގެ ތެރެއިން ބިލިއަނަރަކަށް ވި ތިންވަނަ މީހާގެ ގޮތުގައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ރޮނާލްޑޯ އާއި ވާދަވެރި ފުޓްބޯޅަ ކުޅުން ތެރިޔާ ލިއޮނަލް މެސީވެސް އަންނަ އަހަރުގައި ބިލިއަނަރުންގެ ލިސްޓުގައި ހިމެނިގެން ދާނެއެވެ.

މިދިޔަ އަަހަރުގައި އެންމެ ގިނައިން އާމްދަނީ ލިބުނު އެތުލީޓުންގެ ލިސްޓުގެ ދެވަނާގައި ރޮނާލްޑޯ ހިމެނެނީ 85 މިލިއަން ޕައުންޑާއެކު އެއްވަނާގައި އޮތް މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާ އަށް ވުރެން 1 މިލިއަން ޕައުންޑް ދަށުންނެވެ. ލިއޮނަލް މެސީ މި ލިސްޓުގެ ތިންވަނައިގައި އޮތީ 84 މިލިއަން ޕައުންޑާއި އެކުގައެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް 5 ފަހަރަށް ހޯދާފައިވާ ރޮނާަލްޑޯ ޔުވެންޓަސް އާއި ގުޅުމުގެ ކުރިންވަނީ ރިއަލްމެޑްރިޑް އާއި މެންޗެސްޓާރ ޔުނައިޓަޑް އަށްވެސް ކުޅެދީފައެވެ.