މީގެ ތިން އަހަރު ކުރިން ސްޕެއިންގެ ބާސެލޯނާ އަށް ބަދަލުވުމަށް ކުރި މަސަތްކަތް ކާމިޔާބުނުވީތީ މިއަދު އުފާކުރާ ކަމަށް ފްރާންސްގެ ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި އެންހެން ޑިމާރިއާ ބުނެފިއެވެ.

ދުނިޔޭގެ ރެކޯޑު އަގެއް ބާސެލޯނާ އަށް ދެއްކުމަށްފަހު ޕީއެސްޖީން ބްރެޒިލްގެ ތަރި ނޭމާ ގަތުމުން ބާސާ އިން އޭނާގެ ރިޕްލޭސްމަންޓަށް ފުރަތަމަ ގެންނަން އުޅުނީ ޑިމާރިއާ އެވެ. އުމުރުން 32 އަހަރުގެ ފޯވަޑް ސްޕެއިނަށް ބަދަލުވުމާ ވަރަށް ގާތަށް ދިޔަ ނަމަވެސް ފަހުވަގުތު ޕީއެސްޖީން ވަނީ އެ ޑީލް ހުއްޓުވައިފައެވެ.

ޑިމާރިއާ ބުނީ މީގެ ތިން އަހަރު ކުރިން ޕީއެސްޖީ ދޫކޮށް ބާސާ އަށް ބަދަލުނުވެވުނީތީ މިއަދު އުފާ ކުރާ ކަމަށާއި އޭނާ ޕެރިހުގައި ހުރީ އުފަލުން ކަމަށެވެ. އަދި ކްލަބް ބަދަލު ކުރުމުގެ ވިސްނުމެއް މިވަގުތު ނުގެންގުޅޭ ކަމަށާއި ބޭނުންވަނީ ކެރިއަރު ޕީއެސްޖީގައި ނިންމާލުމަށް ކަމަށެވެ.

”އަހަރެންނާއި އަހަރެންގެ އާއިލާ ޕެރިހުގައި މިތިބީ ވަރަށް އުފަލުން. އޭރު މި ކްލަބުގައި ތިބި ބައެއް މީހުން އަހަރެން ގާތު ދެއްކި ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް. ބާސާ އިން އަހަރެން ހޯދަން މަސަތްކަތް ކުރި. ދެ ކްލަބުން މަޝްވަރާ ވެސް ކުރި. ފަހުވަގުތު ޕީއެސްޖީން ނޫނެކޭ ބުނީ. ކްލަބް ދޫކޮށްނުލެވުނީތީ އުފާވޭ. މިއަދު އަހަރެން ބޭނުންވަނީ ކެރިއަރު ޕެރިހުގައި ހުރެ ނިންމާލަން. އަހަރެންގެ ސިކުނޑީގައި ޕީއެސްޖީ ނޫން އެހެން އެއްވެސް އެއްޗެއް ނެތް،“ ޑިމާރިއާ ބުންޏެވެ.

ޑިމާރިއާ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން 2021 ގައި ހަމަވާނެއެވެ. މެންޗެސްޓާ ޔުނައިޓެޑުން ޕީއެސްޖީ އަށް ބަދަލުވެ ޑިމާރިއާ ވަނީ އެ ކްލަބާއެކު ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން ޖެހިޖެހިގެން 4 ފްރެންޗް ލީގާއި 3 ފްރެންޗް ކަޕް އޭނާ ވަނީ ފްރާންސް ކްލަބުގެ ޖާޒީގައި ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުރު ކުރު މެސީ

    ބާސެލޯނާ އަކީ ފުޓުބޯޅައިގެ ހަލާކު.މޮޅު ކުޅުންތެތި އަކު ހުތިއްޔާ ގަނެގެން ކުޅެވެނީވެސް.ބާސާ އަށް އަންނަން އޮތީ ކަޑަ ދުވަސް ކޮޅެއް...ބަލަން ތިބޭތި

    7
    7