ސްޕެނިޝް ލީގު ލިބިފައިވީ ނަމަވެސް މިރޭ ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވާން ބޭނުންވާ ކަމަށް ބާސެލޯނާގެ ކޯޗު އާނަސްޓޯ ވަލްވާޑޭ ބުނެފިއެވެ.

ލީގު ޗެމްޕިއަންކަން މިދިޔަ ހަފްތާގައި ބާސާ އިން ހޯދާފައިވާއިރު އެ ޓީމުން މިވަގުތު އެންމެ އިސްކަމެއް ދެނީ ބަލިނުވުމުގެ ސިލްސިލާ ދެމެހެއްޓުމަށެވެ. އެގޮތުން ލީގުގައި 34 މެޗު ބާސާ އިން މިހާތަނަށް ކުޅެފައިވާއިރު އެޓީމު އަދި ލީގުގައި މެޗަކުން ބަލިވެފައެއް ނުވެއެވެ.

ރެއާލް އާއި ދެކޮޅަށް ބާސާ އިން މިރޭ ނިކުންނައިރު ވަލްވާޑޭ ބުނީ ލީގު ޗެމްޕިއަންކަން ލިބިފައިވީ ނަމަވެސް މިރޭގެ މެޗުން މޮޅުވާން ބޭނުންވާ ކަމަށާއި މި މެޗަކީ ބާސާ އަށް މުހިއްމު މެޗެއް ކަމަށެވެ.

"ކްލެސިކޯ އަކީ ދެ ޓީމަށް އަބަދުވެސް މުހިއްމު މެޗެއް. އަހަރުމެންނޭ އެއްގޮތަށް ރެއާލް އިން ވެސް މިރޭ ނިކުންނާނީ މޮޅުވާން. ލީގު ތާވަލު ކޮންމެ ގޮތަކަށް އޮތަސް ދެ ޓީމުގެ ދެމެދުގައި އޮންނަ ވާދަވެރިކަން ހަމަ އެގޮތުގަ އޮންނާނެ. އަހަރެން ގަބޫލުކުރާ ގޮތުގައި މިރޭ ރެއާލް އިން ވެސް ނެރޭނީ ހަމަ އެންމެ ވަރުގަދަ ޓީމު" ވަލްވާޑޭ ބުންޏެވެ.

ލީގުގައި ބާސާ އިން ބަލިނުވެ ދަމަހައްޓަމުން އަންނަ ސިލްސިލާ ކުރިއަށްގެންދަން ބޭނުންވާ ކަމަށާއި ރެއާލް އިން މިރޭ ނިކުންނާނީ އެ ސިލްސިލާ އަށް ނިމުން ގެނައުމުގެ ވިސްނުމުގައި ތިބެގެން ކަމަށް ވެސް ވަލްވާޑޭ ބުންޏެވެ.

"ބަލިނުވެ ލީގު ނިންމާލުމަކީ ކުރަން އެހާ ފަސޭހަ ކަމެއް ނޫން. ލީގުގައި އަދިވެސް އުނދަގޫ މެޗުތަކެއް އަހަރުމެންނަށް އެބަހުރި. އަހަރުމެން ލީގު ނިންމާލަން ބޭނުންވަނީ ވީހާވެސް ގިނަ ޕޮއިންޓުތަކާއެކު. އެހެންވެ މިރޭ ރެއާލް ބަލިކުރަން އަހަރުމެން ބޭނުންވޭ" ވަލްވާޑޭ ބުންޏެވެ.

ބާސާގެ ދަނޑުގައި މިރޭ ކުޅޭ މި މެޗު ފަށާނީ ރާއްޖެގަޑިން 23:45 ގައެވެ.