ޓްރާންސްފާ ބާޒާރު ހުޅުވުމާއެކު އާރްބީ ލީޕްޒިގަށް ކުޅެމުން އަަންނަ ޖަރުމަނުގެ ޒުވާން ފޯވަޑް ޓިމޯ ވާނާގެ ސޮއި ހޯދުމަށް ތައްޔާރުވެފައިވާ ޗެލްސީން ލެސްޓާގެ ޑިފެންޑަރު ބެން ޗިލްވެލް އަށް ވެސް ފާރަލަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ފުޓްބޯޅަ ދުނިޔޭގެ ސަމާލުކަމަށް ޗެލްސީ އައީ މިވަގުތު ދުނިޔޭގަ ހުރި އެންމެ ހުނަރުވެރި އެއް ފޯވަޑް ވާނާގެ ރިލީޒް ކްލޯސް ދައްކައި ލީޕްޒިގުން އޭނާ ގަތުމުގެ މަސަތްކަތް އެ ކްލަބުން ފެށުމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ޗެލްސީން މިހާރު ވަނީ ވާނާގެ ރިލީސް ކްލޯސްގެ ގޮތުގައި ހަމަޖައްސާފައިވާ އަދަދު ދެއްކުމުގެ މަޝްވަރާތައް ލީޕްޒިގާއެކު ފަށައިފަ އެވެ.

ޔޫރަޕްގައި މިހާރު ހުރި އެންމެ ވިދުންގަދަ އެއް ތަރި ވާނާ ގެންދަން މިދިޔަ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ވެސް ބައެއް ކްލަބްތަކުން ވަނީ މަސައްކަތްކޮށްފަ އެވެ. ވާނާ ދައްކަމުން އަންނަ މޮޅު ކުޅުމާއެކު ޔޫރަޕްގެ ބޮޑެތި ކްލަބްތަކުގެ ތެރެއިން ބަޔާން މިއުނިކާއި، ރެއާލް މެޑްރިޑް އަދި ލިވަޕޫލުން ވެސް އައީ އޭނާ އަށް ފާރަލަމުންނެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްގެ އިރުޝާދުގެ ދަށުން ކުޅެން ބޭނުންވާ ކަމަށް ވާނާ މީގެ ކުރިން ބުނެފައިވާއިރު އިއްޔެއާ ހަމައަށްވެސް އޭނާ އެ ކްލަބަށް ބަދަލުވުމުގެ ފުރުސަތު އޮތީ ވަރަށް ބޮޑުކޮށެވެ.

އެހެންނަމަވެސް އެ ޑީލަށް ހުރަސް އެޅިފައި އޮތީ ވާނާގެ ރިލީޒް ކްލޯސް އަށްވާ އަދަދު ލިވަޕޫލަށް މާ ބޮޑުވުމުންނެވެ. ކްލޮޕް އަދި ވާނާގެ ދެމެދުގައި ރަނގަޅު ގުޅުމެއް އޮތް ނަމަވެސް ޗެލްސީން ވާނާގެ ރިލީޒް ކްލޯސް ދެއްކުމަށް އެއްބަސްވުމުން މިހާރު ޖަރުމަން ކުޅުންތެރިޔާ ލަންޑަނަށް ބަދަލުވުމާމެދު މާ ބޮޑު ހުރަސްތަކެއް ނެތެވެ.

ވާނާ އަކީ ޗެލްސީން ރިލީޒް ކްލޯސް ދައްކައިގެން އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ހޯދި ދެވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެ ކްލަބުން ވަނީ އަޔެކްސްގެ ތަރި ހަކީމް ޒިޔެޗްގެ ސޮއި ވެސް ހޯދައިފައެވެ. ޒިޔެޗް އާއި ވާނާ އަށްފަހު ޗެލްސީގެ އަމާޒު މިހާރު ހުރީ ލެސްޓާ ސިޓީ އަށް ކުޅެމުން އަންނަ އިނގިރޭސި ޑިފެންޑަރު ބެން ޗިލްވެލް އަށެވެ.

އެހެންނަމަވެސް ޗިލްވެލްގެ ކޮންޓްރެކްޓުގައި ރިލީޒް ކްލޯސް އެއް ނުހިމެނޭތީ އޭނާ ގަތުމުގައި ޗެލްސީ އަށް އުނދަގޫތަކަކާ ކުރިމަތިވާނެއެވެ. ލެސްޓާ އިން މިހާތަނަށް ޗިލްވެލް އަށް އަގެއް ކަނޑައަޅާފައިވާ ނުވިނަމަވެސް 23 އަހަރުގެ ޑިފެންޑަރުގެ އަގު މާކެޓުގައި ބޮޑުވާނެ ކަމަށް ބެލެވެއެވެ. ޗިލްވެލް ނުލިބިއްޖެ ހާލަތެއްގައި ޗެލްސީގެ މިސްރާބު ދެން ހުރީ ބޯންމައުތުގެ ނޭތަން އަކޭ އަށެވެ.