ފަސްވަނައިގައި އޮތް ބަޔާ ލެވަކޫސަން ބަލިކޮށް ބަޔާން މިއުނިކުން ޖަރުމަން ލީގް ޗެމްޕިއަންކަން ހޯދުމާއި ފިޔަވަޅަކަށް ގާތަށް ޖެހިލައިފިއެވެ.

ލީގުގައި ރޭ ރަށުން ބޭރުގައި ކުޅެ ލެވަކޫސަންގެ މައްޗަަށް ބަޔާނުން ކުރިހޯދީ 4-2 އިންނެވެ. މި މޮޅާއެކު ބަޔާނަށް ވަނީ 30 މެޗުން 70 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތީ 30 މެޗުން 63 ޕޮއިންޓް ހޯދައިފައިވާ ބޮރޫޝިޔާ ޑޯޓްމަންޑެވެ. ލީގުގައި މި ދެޓީމަށްވެސް ބާކީ ދެން އޮތީ އެންމެ ހަތަރު މެޗެވެ. އެހެންކަމުން ލީގް ތަށި ބަޔާނަށް ވަނީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ.

ރޭގެ މެޗްގެ ފުރަތަމަ ގޯލް ޖަހައި ކުރި ހޯދީ ލެވަކޫސަން އިންނެވެ. ފުރަތަމަ ހާފްގެ 11 ވަނަ މިނެޓުގައި މި ގޯލް އެޓީމަށް ޖަހައިދިނީ ފޯވަޑް ލޫކަސް އަލާރިއޯ އެވެ. އެހެންނަމަވެސް އެ ލީޑުގައި ލެވަކޫސަން އަށް މާގިނައިރު ހިފަހައްޓައެއް ނުލެވުނެވެ. މެޗްގެ 27 ވަނަ މިނެޓުގައި ލިއޯން ގޮރްޓްޒްކާ ތަނަވަސްކޮށްދިން ފުރުސަތަކުން ބަޔާނަށް ނަތީޖާ އެއްވަރުކޮށް ދިނީ ފްރާންސް ފޯވަޑް ކިންގްސްލޭ ކޯމަން އެވެ.

ކޯމަންގެ ގޯލާއެކު ބަޔާނުން ވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފްގެ ބާކީ ބައިގައި ލެވަކޫސަންގެ ގޯލަށް ބާރު ބޮޑުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މި ހާފް ނިމުމުގެ ކުރިން ބަޔާނުން އިތުރު 2 ގޯލް ޖަހައި ލީޑް ފުޅާކުރިއެވެ. 42 ވަނަ މިނެޓުގައި ތޯމަސް މުލާ ދިން ބޯޅަ އަކުން ގޮރެޓްޒްކާ ބަޔާނަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދިން އިރު އޭގެ ތިން މިނެޓް ފަހުން ޖޯޝުއާ ކިމިޗްގެ އެހީތެރިކަމާއެކު ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ ޖަރުމަން ފޯވަޑް ސާޖް ގްނަބްރީ އެވެ.

ބަޔާނުން ދެވަނަ ހާފް ފެށީ ވަރުގަދަކޮށެވެ. މެޗްގެ 66 ވަނަ މިނެޓުގައި އަނެއްކާވެސް މުލާ ތަނަވަސްކޮށްދިން ފުރުސަތަކުން ބަޔާންގެ ހަތަރުވަނަ ގޯލް ޖަހައިދިނީ ޕޮލަންޑުގެ ރޮބަޓް ލެވަންޑޯސްކީ އެވެ. މިއީ މި ސީޒަންގައި ލެވަންޑޯސްކީ ޖެހި 30 ވަނަ ލީގް ގޯލެވެ. ބުންޑެސްލީގާގެ ލަނޑު ލިސްޓާއި ޔޫރަޕްގެ ލަނޑު ލިސްޓުގެ ވެސް އެންމެ ކުރީގައި އޮތް ލެވަންޑޯސްކީ ވަނީ މިސީޒަންގައި ހުރިހާ މުބާރާތެއް އެއްކޮށްގެން މުޅިއެކު 44 ގޯލް ޖަހައިފައެވެ.

ލެވަންޑޯސްކީގެ ގޯލުން ބަޔާނުން ތިން ގޯލުގެ ލީޑެއް ނެގި ނަމަވެސް މެޗް ނިމެން އެއް މިނެޓަށް ވެފައި ވަނިކޮށް ލެވަކޫސަންގެ ފްލޯރިއަން ވިޓްޒް ވަނީ ނޯޔާގެ ގޯލު ފޫއަޅުވާލައި މެޗްގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފައެވެ.

ރޭގެ މެޗްގައި ކާމިޔާބުކުރި 2 އެސިސްޓާއެކު ބަޔާންގެ ތޯމަސް މުލާ ވަނީ މިސީޒަންގައި މިހާތަނަށް ލީގުގައި 20 އެސިސްޓް ހަދައިފައެވެ. އެއާއެކު އޭނާ ވަނީ ބުންޑެސްލީގާ ސީޒަނެއްގައި އެންމެ ގިނަ އެސިސްޓް ހަދައިގެން 2014-15 ވަނަ އަހަރު ވުލްފްސްބާގަށް ކުޅެމުންދިޔަ ބެލްޖިއަމްގެ ކެވިން ޑެބްރައިން ހެދި ރެކޯޑާ އެއްވަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިއްބެ

    މުލާ ރިކޯޑާއި އެއްވަރު ކުރީ ވޯލްޑްކްލާސް ފޯވާރޑެއް ބަހައްޓައިން.. އަދި ލީގުގަ އެހެން ޓީމްތަކާއި ބަލާއިރުގަ ވާދަނުކުރެވޭ ވަރުގެ ޓީމަކާ އެކު ކެވިން ޑެބްރައިން މުޅިންތަފާތު

    ލީގު ފަށާއިރުވެސް ޗެމްޕިއަން ކަން އޮންނަނީ ކަށަވަރުވެފަ