ޖަރުމަން މިޑްފީލްޑަރު އެމްރޭ ޗޭން ޖެހި ހަމައެކަނި ގޯލުން ހާތާ ބާލިން ބަލިކޮށް ބޮރޫޝިޔާ ޑޯޓްމަންޑުން ބުންޑެސްލީގާ ތާވަލުގެ ދެވަނައިގައި ލީޑް ފުޅާކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅެ ޑޯޓްމަންޑުން ހޯދި މޮޅާއެކު އެ ޓީމަށް ވަނީ 30 މެޗުން 63 ޕޮއިންޓް ލިބިފައެވެ. އެއްވަނައިގައި އޮތް ބަޔާނާއި އެ ޓީމާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އޮތުމުން ލީގް ތަށި ޑޯޓްމަންޑަށް ވަނީ ގާތްގަނޑަކަށް ގެއްލިފައެވެ. އެހެންކަމުން އެ ޓީމްގެ އަމާޒް މިހާރު ހުރީ ދެ ވަނައިގައި ނިންމާލައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކުރުމަށެވެ.

ރޭގެ މެޗްގައި ޑޯޓްމަންޑުން ޖެހި ހަމައެކަނި ގޯލް 57 ވަނަ މިނެޓުގައި ޗޭން ޖެހީ ޒުވާން ފޯވަޑް ހޫލިއަން ބްރާންޓް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މެޗްގައި އިތުރު ގޯލްތަކެއް ޖަހަން އެ ޓީމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ޖޭޑަން ސާންޗޯ އާއި ތޯގަން ހަޒާޑްގެ އިތުރުން ބްރާންޓް އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

ޑޯޓްމަންޑުގެ ސިގްނަލް އިޑުނާ ޕާކުގައި ކުޅުނު މި މެޗް ފެށުމުގެ ކުރިން ދެ ޓީމްގެ ކުޅުންތެރިން ވެސް ވަނީ ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް އަޑު އުފުލައިފައެވެ. ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ފަހަކަށް އައިސް ގިނަ ބަޔަކު އަޑު އުފުލަން ފެށީ އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ފުލުހަކު އޭނާ މަރާލުމުންނެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

ފްލޮއިޑް ފުލުހުން ހައްޔަރުކޮށްފައި ވަނީ އެމެރިކާގެ މިނެސޮޓާގެ މިނިއާޕޮލިސްގެ ފިހާރައެއްގެ ބޭރުންނެވެ. އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ބިޑި އަޅުވައި ބިން މައްޗަށް ވައްޓާލައި ބޭއްވުމަށް ފަހު ކަރަށް ފައިން އަރާ މަރާލީ ދޮން ނަސްލުގެ ފުލުހެކެވެ. ރޭގް މެޗްގެ ކުރިން ޑޯޓްމަންޑް އަދި ހާތާ ބާލިންގެ ކުޅުންތެރިން ވަނީ ފްލޮއިޑަށް އިންސާފް ހޯދައިދިނުމަށް ގޮވާލައި މެޗްގެ ކުރިން އޭނާގެ ހަނދާނުގައި ހިމޭންކަމުގެ ވަގުތުކޮޅެއް ހޭދަކޮށްފައެވެ.