ލިވަޕޫލަށް ކުޅެމުން އަންނަ އިނގިރޭސި ޒުވާން ޑިފެންޑަރު އަލެގްޒަންޑާ އާނޯލްޑަށް ކުރިއަށް އޮތް ތަނުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވެވިދާނެ ކަމަށް ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ކަފޫ ބުނެފިއެވެ.

ލިވަޕޫލްގެ ފަހަތަށް ކުޅެމުން އަންނަ 21 އަހަރުގެ އާނޯލްޑަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ޒުވާން ހުނަރުވެރި ޑިފެންޑަރެވެ. މީގެ ދެ އަހަރު ކުރިންސުރެ ގަވާއިދުން ލިވަޕޫލްގެ ފުރަތަމަ އެގާރައިން ޖާގަ ހޯދަމުން އަންނަ އާނޯލްޑްގެ ފެންވަރާއި މެދު ސުވާލު އުފައްދާ މީހުން ވަރަށް މަދުވާނެއެވެ. މިދިޔަ ސީޒަންގައި ޕްރިމިއާ ލީގުގެ ދެވަނައިގައި ނިންމާލުމުގެ އިތުރުން ޗެމްޕިއަންސް ލީގް ލިވަޕޫލުން ކާމިޔާބުކުރި އިރު އާނޯލްޑް ވަނީ ދެ މުބާރާތުގައިވެސް ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ. އަނެއްކޮޅުން މިސީޒަންގެ ޕްރިމިއާ ލީގް ތަށި ލިވަޕޫލުން ގާތްގަނޑަކަށް ކަށަވަރުކޮށްފައިވާއިރު އެ ޓީމުން އެންމެ މޮޅަށް ކުޅުނު ކުޅުންތެރިންގެ ލިސްޓުގައި އާނޯލްޑް ހިމެނެއެވެ.

އާނޯލްޑް ލިވަޕޫލް ޖާޒީގައި ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން ގިނަ ބައެއްގެ ތައުރީފް އޭނާ އަށް އަބަދުވެސް އަމާޒުވެއެވެ. މިފަހަރު އިނގިރޭސި ޑިފެންޑަރަށް ތައުރީފް އޮއްސާލީ ބްރެޒިލްއާއެކު 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ތަށި އުފުލާލި ޑިފެންޑަރު ކަފޫއެވެ.

ފީފާ ޑޮޓް ކޮމް އާއި ވާހަކަ ދައްކަމުން ކަފޫ ބުނީ އާނޯލްޑަކީ ހާއްސަ ކުޅުންތެރިޔެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދުމުގެ ފެންވަރު އޭނާގެ ގައިގަ އެބަހުރި ކަމަށެވެ.

"އާނޯލްޑަކީ ތަފާތު ކުޅުންތެރިޔެއް، އޭނާ މިހާރު އެ ދައްކަމުންދާ ކުޅުން އެ ފެންވަރެއްގައި ހިފަހައްޓަމުންދާ ނަމަ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނިގެންދާނެ. އެންމެ މޮޅު ކުޅުންތެރިޔާ އަށް ވުމުގެ ފެންވަރުވެސް އޭނާގެ ގައިގަ އެބަހުރި. ޓެކްނިކަލީ އާނޯލްޑް ވަރަށް މޮޅު. އޭނާ ކުޅޭ ވައްޓަފާޅީގައި ބްރެޒިލް ފުޓްބޯޅައިގެ ގޮތެއް ހުރޭ. އަނެއްކޮޅުން ލިވަޕޫލް ކަހަލަ މޮޅު ޓީމެއްގަ ކުޅޭނަމަ އާނޯލްޑް އިތުރަށް ކުރިއަރައިގެން ދާނީ،" ކަފޫ ބުންޏެވެ.

އާނޯލްޑަކީ ލިވަޕޫލްގެ އިތުރުން އިނގިރޭސި ގައުމީ ޓީމަށް ވެސް މިހާރު ގަވާއިދުން ކުޅެމުން އަންނަ ކުޅުންތެރިޔެކެވެ.