ބްރެޒިލްގެ ތަރި ނޭމާ ބާސާއަށް ގުޅެން ބޭނުންވާ ކަމުގެ އަޑުތައް ފެތުރިއްޖެއެވެ. ސްޕެއިންގެ ރިޕޯޓުތައް ބުނާ ގޮތުން ނޭމާ ބާސާއަށް މި ސީޒަން ނިންމާފައި ދާން ބޭނުން ވާކަމަށް ޕީއެސްޖީގެ ބައެއް ކުޅުން ތެރިންނާއި ވަނީ ހިއްސާ ކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުން ނޭމާ ބޭނުންވަނީ ޕީއެސްޖީއާއި އެކު ޗެންޕިއަންސް ލީގުގައި ރަނގަޅު ކުޅުމެއް ދެއްކުމަށްފަހު ކުލަބް ދޫކޮށްލަން ކަމުގައެވެ. މިދިޔަ ސީޒަން ނިންމާ ފައިވެސް ނޭމާ ޕީއެސްޖީ ދޫކޮށްލާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

ބާސާއަށް ނޭމާ މިދިޔަ ސީޒަންގެ އޮގަސްޓް ޓްރާންސްފާ ވިންޑޯ ގައި ދާން ގާތުގައި ވީނަމަވެސް ޕީއެސްޖީއާއި ބާސާއިން ވަނީ ރަނގަޅު އެެއްބަސް ވުމަކަށް ނާދެވިފައެވެ. ސްޕެއިންގެ މުންޑޯ ޑިޕޯޓްވިއޯގެ ރިޕޯޓަކުން ހާމަކުރި ގޮތުގައި ނޭމާ ވަނީ ޕީއެސްޖީގެ ޑްރެސިން ރޫމްގައި ޕީއެސްޖީގެ ކުޅުން ތެރިންނާއި ބާސާއަށް ގުޅެން ބޭނުންވާ ކަމަށް ބުނެފައެވެ.

2017 ވަނަ އަހަރު 198 މިލިއަން ޕައުންޑުގެ ރެކޯޑް އަދަދަކަށް ބާސާއިން ޕީއެސްޖީއަށް ނޭމާ ވިއްކާލި އިރު އޭރު ނޭމާ ދިޔައީ ބާސާގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ކޮވިޑް-19 އާއި ގުޅިގެން ބާސާއިން ވަނިީ ކުޅުންތެރިންގެ މުސާރަ %70 އިން ދައްކޮށް ފައެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ދުވަސްކޮޅު ހާލަތައް ބަލާފައި ބާސާއިން ނޭމާ ގަތުމަށް އެހާ ބޮޑު ހަރަދެއް ހޭދަ ކުރާނެކަމަށް ނުބެލެވެއެވެ.

ޕީއެސްޖީއިން ނޭމާ ކުޑަ އަގެއް ގައި ވިއްކުމަށް ކުރިން ވަނީ ދެކޮޅު ހަދާފައެވެ. ޕީއެސްޖީއިން އެންްމެ ފަހުން ހާމަ ކުރިގޮތުގައި ނޭމާ އެންމެ ކުޑަ އަގެއްގައިވެސް ވިއްކާނީ 155 މިލިއަން ޕައުންޑަށެވެ. 2013 ވަނަ އަހަރު ބްރެޒިލްގެ ސަންޓޮސްއިން ބާސާއަށް ނޭމާ ގުޅުނު އިރު 2017 ވަނަ އަހަރުގައި ނޭމާ ވަނީ ޕީއެސްޖީއަށް ބަދަލްވެފައެވެ.