ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އަލުން ލަލީގާ ފަށަން ވާއިރަށް ފިޓްވާނެކަމަށް ޓީމުގެ ކޯޗު ކިކޭ ސެޓިއެން ބުނެފިއެވެ.

ދުނިޔޭގެ މޮޅު ކުޅުން ތެރިޔާގެ މަގާމް 6 ފަހަރު ހޯދާފައިވާ ލިއޮނަލް މެސީގެ ފަލަ މަސްގަނޑަށް ލިބުނު އަނިޔާ އަކާއި ގުޅިގެން މިދިޔަ ހަފްތާގައި ބާސާއިން ބޭއްވި ބައެއް ފަރިތަކުރުން ތަކުގައި މެސީ ބައިވެރި ވެފައި ނުވެއެވެ.

މިދިޔަ ހަފްތާގައި ބާސާއިންވެސް ވަނީ މެސީއަށް ކުޑަ އަނިޔާއެއް ލިބިފައިވާ ކަމަށް ބުނެފައެވެ. ސްޕެއިންގެ ބައެއް މީޑިޔާތަކުން ކުރިން ހާމަކުރި ގޮތުގައި ލީގުގެ ފުރަތަމަ މެޗުގައި މެސީ އަށް ނުކުޅެވޭނެއެވެ.

މިދިޔަ ހޮނިހިރު ދުވަހު މެސީ ވަނީ އޭނަގެ ފަރިތަކުރުންތައް އަނެއްކާވެސް ފަށާފައެވެ. ލުއިޒް ސްއަރޭޒް އާއި އެކު މެސީ އެންމެ ފަހުން ފަރިތަކުރުންތަކެއް ކުރި އިރު ސްއަރޭޒް ވެސް ލީގު ފެށޭއިރަށް ފިޓް ވާނެކަމަށް ބާސާއިން ވަނީ ހާމަކޮށްފައެވެ.

މިދިޔަ ޖަނަވަރީ މަހު ސްއަރޭޒްގެ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭގެ ފަހުން އޭނާ އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ.

އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ މި ސީޒަން ގައި މިހާތަނަށް ވަނީ 19 ލަނޑު ކާމިޔާބުކޮށް ލަލީގާގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ވެފައެވެ.

ލީގު އަލުން ފެށޭއިރު ޖޫން 13 ގައި ބާސާ ނިކުންނާނީ މަލޯކާ އާއި ދެކޮޅަށެވެ. ލަލީގާގެ ތާވަލްގެ އެއްވަނާގައި ބާސާ މިހާރު އޮތީ ވާދަވެރި ރިއަލް މެޑްރިޑް އަށްވުރެ 2 ޕޮއިންޓް ކުރީގައެވެ. ލީގުގެ ހުރިހާ ޓީމަކަށްވެސް އަދި ބާކީ 11 މެޗު ކުޅެން ޖެހެއެވެ.