ޓޮޓެންހަމްގައި ހެރީ ކޭން ބަހައްޓަން ބޭނުން ނަމަ ތަށިތައް ކާމިޔާބު ކުރުން ނޫން ގޮތެއް އެ ޓީމަށް ނެތް ކަމަށް ތަޖުރިބާކާރު ކޯޗް ޓޯނީ ޕުލިސް ބުނެފިއެވެ.

މި ސީޒަންގެ ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ކަޓައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޓޮޓެންހަމަށް ޖާގަ ނުލިބުމުގެ ބިރު ބޮޑުވެފައިވުމާއެކު ކްލަބުގެ އެއްވަނަ ފޯވަޑް ހެރީ ކޭން އެހެން ކްލަބަކަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް އަންނަނީ ގަދައަށް ފެތުރެމުންނެވެ. ހާއްސަކޮށް މުބާރާތްތަކުގައި ޓޮޓެންހަމަށް ރަނގަޅު ވާދައެއް ނުކުރެވޭނަމަ ކްލަބުގައި މަޑު ނުކުރާނެކަން ކޭން ބުނުމުން ޔޫރަޕްގެ ބޮޑެތި ކްލަބްތައް ވަނީ އެލާޓަށް އައިސްފައެވެ.

ކޭން ބުނީ އޭނާގެ އަމާޒަކީ ކެރިއަރުގައި ވީހާވެސް ގިނަ ތަށިތަކެއް ކާމިޔާބުކުރުން ކަމަށެވެ. އަދި ޓޮޓެންހަމުން ތަށިތައް ހޯދުމުގައި ފެއިލް ވާނަމަ އެ ކްލަބުގައި މަޑުކުރުމުގެ މާނައެެއް ނެތް ކަމަށާއި ކުޅެން ބޭނުންވަނީ ކާމިޔާބީ ހޯދޭނެ ފެންވަރު ހުރި ކްލަބަކަށް ކަމަށް ބުންޏެވެ.

ކޭންގެ ޓްރާންސްފާއާ ބެހޭގޮތުން މީޑިއާތަކާ ވާހަކަ ދައްކަމުން ކުރިން ޕްރިމިއާ ލީގުގެ ގިނަ ކްލަބުތަކަށް ކޯޗް ކޮށްދިން ޓޯނީ ޕުލިސް ބުނީ ކޭން ބަހައްޓަން ބޭނުންނަމަ ޓޮޓެންހަމުން އެންމެ އިސްކަން ދޭންވީ ބޮޑެތި މުބާރާތްތައް ކާމިޔާބުކުރަން ކަމަށެވެ. ޕުލިސް ބުނީ ކޭން ޓޮޓެންހަމް ދޫކޮށްލަން ހިޔާލު ކުރުމަކީ މައްސަލައެއް ނޫން ކަމަށާއި މޮޅެތި ކުޅުންތެރިންގެ އަމާޒް އަބަދުވެސް ހުންނާނީ ވީހާވެސް ގިނަ މެޑަލް ހޯދުމަށް ކަމަށެވެ. އަދި ޓޮޓެންހަމަށް ކާމިޔާބީ ހޯދޭނީ ޗެއާމަންގެ ސަޕޯޓް ވެސް ވަރަށް ބޮޑަށް ލިބިގެން ކަމަށާއި ރަނގަޅު ސްކޮޑެއް އެކުލަވާލެވިއްޖެނަމަ ޓޮޓެންހަމަށް ތަށި ނުހޯދޭނެ ސަބަބެއް ނެތް އޭނާ ބުންޏެވެ.

"ޓޮޓެންހަމުން އެބަޖެހޭ ތަށިތައް ކާމިޔާބު ކުރަން ފަށަން. އަހަންނަށް ހީނުވޭ ކްލަބް ދޫކޮށްލަން އުޅޭތީ އެކަމަށްޓަކައި ކޭން އަށް ފާޑުކިއޭނެހެނެއް. އޭނާ އަކީ ގައުމީ ޓީމްގައި ވެސް އަދި ކްލަބްގައި ވެސް މޮޅަށް ކުޅެމުން އަންނަ ކުޅުންތެރިއެއް. އޭނާ ބޭނުންވާނެ ކާމިޔާބީ ހޯދަން. ޓޮޓެންހަމަކީ ބޮޑު ކްލަބެއް. އެ ކްލަބުގެ އާ ސްޓޭޑިއަމާއި ޓްރެއިނިންގް ހިދުމަތްތައް ވަރަށް ވެސް ފުރިހަމަ. އެކަމަކު ހަމައެކަނި މިކަންތަކުން ކޭން ފަދަ ކުޅުންތެރިން ހިފަހައްޓައެއް ނުލެވޭނެ. ފައިނޭންޝިއަލީ ޗެއާމަންގެ ސަޕޯޓާއެކު ރަނގަޅު ސްކޮޑެއްް އެކުލަވާލައިގެން ޓޮޓެންހަމަށް ލީގަށާއި އެހެން މުބާރާތްތަކަށް ވެސް ވާދަނުކުރެވެންވީ ސަބަބެއް ނެތް. ކޯޗަކަށް އެހުރީ ތަޖުރިބާ ހުރި މޮޅު މީހެއް،" ޕުލިސް ބުންޏެވެ.

އިނގިރޭސި ފޯވަޑް ކޭން މިވަގުތު ހުރީ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައެވެ. ކޭންގެ ފަލަމަސްގަނޑާއި ކުޑަ ހުޅަށް އަނިޔާވީ މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު ލީގުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗު ތެރެއިންނެވެ. އަނިޔާވުމުން ކޭން ވަނީ އޮޕަރޭޝަނެއް ވެސް ކޮށްފައެވެ.