އޭޝިޔާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީ އިން އެކުލަވާލި އެންމެ މޮޅު ސޯލޯ ގޯލްގެ ލިސްޓުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ޖަހާފައިވާ ގޯލެއް ހިމެނިއްޖެއެވެ.

އޭއެފްސީން އަންނަނީ އެ އިދާރާގެ ދެވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، އޭއެފްސީ ކަޕްގައި ޖަހާފައިވާ މޮޅެތި ގޯލްތަކުގެ ލިސްޓެއް އެކުލަވާލައި އާންމުންގެ ވޯޓުން އޭގެ ތެރެއިން އެންމެ މޮޅު ގޯލް ހޮވަމުންނެވެ. އެގޮތުން އެންމެ ހިތްގައިމު ހިލޭ ޖެހުމާއި ދުރުން ޖަހާފައިވާ އެންމެ ރީތި ގޯލް ވެސް މީގެ ކުރިން ހޮވާފައިވާއިރު މި ހަފްތާގައި ހޮވަން ނިންމާފައިވަނީ އޭއެފްސީ ކަޕްގައި ޖަހާފައިވާ އެންމެ ހިތްގައިމު ސޯލޯ ގޯލެވެ.

އެންމެ މޮޅު ސޯލޯ ގޯލަށް ނޮމިނޭޓް ކޮށްފައިވާ ފަސް ކުޅުންތެރިންގެ ތެރޭ ހިމެނިފައިވާ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ދަނގަޑޭގެ ގޯލަކީ 2013 ވަނަ އަހަރު ނިއުރޭޑިއަންޓްގެ ޖާޒީގައި ކުޅެ އިންޑޮނޭޝިއާގެ ޕާސިބޯ ބޮޖެންނެގޮރޯއާ ދެކޮޅަށް ދަގަނޑޭ ކާމިޔާބު ކުރި ގޯލެކެވެ. ދަނގަޑޭގެ މިގޯލަށް 7 އަހަރުވެފައިވީ ނަމަވެސް ދިވެހިންގެ ހަނދާނުން އެ ގޯލެއް އެއްވެސް މިންވަރަކަށް ނުނެތެއެވެ. މިގޯލް އެހާ ބޮޑު މަގްބޫލްކަމެއް ހޯދީ ސަބަބެއް ނެތިއެއް ނޫނެވެ.

ދަނގަޑޭގެ ހުނަރުވެރިކަމާއި، ގޯލް ޖެހުމުގައި އޭނާގެ ގައިގަ ހުންނަ ތޫނުފިލިކަމާއި އޭނާ އަކީ އޭޝިޔާގެ މޮޅެތި ޑިފެންޑަރުން ވެސް ޖެހިލުންވާ ތަފާތު މޮޅު ކުޅުންތެރިޔެއް އެ ގޯލުން ސާބިތުވެއެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ޕާސިބޯ އަތުން 7-0 އިން ނިއުރޭޑިއަންޓް މޮޅުވި މެޗްގައި ދަގަނޑޭ ވަނީ 6 ގޯލް ޖަހައިފައެވެ. އޭއެފްސީން ނޮމިނޭޓް ކޮށްފައި ވަނީ، އެ މެޗުގައި ޕާސިބޯގެ އޭރިއާގެ ތެރޭގައި އިދިކޮޅު 6 ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ދަގަނޑޭ ޖެހި ގޯލެވެ.

މުހައްމަދު އުމޭރު ދިން ބޯޅަ ލިބިގަނެ ބާރު ސްޕީޑްގައި ދަގަނޑޭ އޭރިއާ ތެރެއަށް ވަންނަން ދިޔައިރު އޭނާގެ ފަހަތުން ޕާސިބޯގެ ތިން ޑިފެންޑަރަކު ދުވެފައި އާދެ އެވެ. ޕާސިބޯގެ ގޯލްކީޕަރާއި ތިން ޑިފެންޑަރަކު ކައިރިން ބޭނުން އެއްޗެއް ހަދާލުމަށްފަހު ދަގަނޑޭ ދާގަނޑު ތެރެއަށް މަޑުމަޑުން ބޯޅަ ވައްދާލީ އެއްވެސް ހާސްކަމެއް ނެތި އިތުބާރާއެކު އެވެ.

ކެރިއަރުގައި 400 އަށް ވުރެ ގިނަ ގޯލް ޖަހާފައިވާ ދަގަނޑޭގެ މި ގޯލަށް އެކަނި ބަލާލުމުން ވެސް އޭނާގެ ހުނަރުވެރިކަން ހާމަވަގެންދެއެވެ. އެކަނިމާއެކަނި މުޅިއެކު ތިން ކުޅުންތެރިންގެ ކައިރިން ހަ ފަހަރު ދަގަނޑޭ ބޯޅަ ނައްޓާލައި ގޯލަށް ވައްދާލިއިރު އޭނާ ހުއްޓުވުމަށް އިދިކޮޅު ކުޅުންތެރިން ކުރި އެއްވެސް ޓެކުލެއް ކާމިޔާބެއް ނުވިއެވެ.

ދަގަނޑޭގެ މި ގޯލަކީ ދިވެހި ސަޕޯޓަރުންގެ ހަނދާނުން ދުވަހަކުވެސް ފިލައިގެން ނުދާނެ ގޯލެއްކަން ޔަގީނެވެ. އޭއެފްސީ ކަޕްގެ އެންމެ މޮޅު ސޯލޯ ގޯލްގެ ގޮތުގައި އިތުރު ހަތަރު ގޯލް ނޮމިނޭޓް ކޮށްފައިވާއިރު އެ ލިސްޓްގައި ދެން ހިމެނެނީ، އިންޑިއާގެ ޗާޗިލް ބުރަދާސްގެ ފޯވަޑް ބަލްވަޓް ސިންހް ކާމިޔާބު ކުރި ގޯލާއި، ލުބުނާންގެ ސޯފާ އެފްސީ ހައިދަރު އަލީ ކާމިޔާބު ކުރި ގޯލާއި، އިންޑޮނޭޝިއާގެ ޕަސިޕޫރާގެ ފޯވަޑް ބޯޒް ސޮލޯސާ ޖެހި ގޯލާއި އަދި މިޔަންމާގެ ޔޮންގޮސް ޔުނައިޓެޑްގެ ފޯވަޑް އިމޭނުއަލް އުޒޫޗޮކްވޫ ކާމިޔާބު ކުރި ގޯލެވެ.

ދަގަނޑޭގެ ގޯލަށް މިލިންކުން ވޯޓް ލެވޭނެ

މި ފަސް ކުޅުންތެރިންގެ ގޯލުގެ ތެރެއިން އެންމެ މޮޅު ގޯލެއް ހޮވުމަށް ވޯޓް ދިނުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް އޭއެފްސީ އިން ވަނީ ހުޅުވާލާފަ އެވެ. މިހާތަނަށް 5200 އަށްވުރެ ގިނަ ވޯޓް މި ޕޯލް އަށް ލިބިފައިވާއިރު ބޮޑު ލީޑަކާއެކު ކުރީގައި އޮތީ ދަގަނޑޭ އެވެ. ދަގަނޑޭ ވަނީ މިހާތަނަށް ވޯޓްލީ މީހުންގެ %42 ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޚަަޖަރު

  ޥީޑިއޯ ގަނޑުވެސް ދަައްކާލިނަމަ

  7
  4
 2. Anonymous

  ވީޑިއޯ ފެންނާނެ އެ ލިންކުން ވެސް

  9
  1
 3. އިންސާނުން

  ވީޑިއޯ ފެންނާނެ އެ ލިންކުންވެސް

  5
  4
 4. އިއްބެ

  5 ގޯލް ޖެހީ އެމެޗްގަ

  3
  4