ކޮރޯނާ ވައިރަހާ ހެދި ދަށް ފަންތީގެ ލީގުތަކުގައި ވާދަކުރަމުން އަންނަ ކްލަބްތަކަށް މާލީ މައްސަލަތަކާ ކުރިމަތިވެ ގިނަ ކްލަބުތައް ބަގުރޫޓް ވެގެން ދާނެ ކަމަށް ކުރީގެ މަޝްހޫރު ކޯޗް އާސެން ވެންގާ ބުނެފިއެވެ.

އިނގިރޭސިވިލާތުގެ އާސެނަލްގެ ކޯޗްގެ ގޮތުގައި 18 އަހަރު ހޭދަކޮށް އެ ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދި އަދި މިހާރު ފީފާގެ އިސް މަގާމެއް އަދާކުރަމުން އަންނަ ވެންގާ ބުނީ ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމުގެ ސަބަބުން އިނގިރޭސިވިލާތުގެ ދަށް ފަންތީގެ ލީގުތައް މުޅިން ބިކަވެގެން ހިނގައިދާނެ ކަމުގެ ބިރުއެބައޮތް ކަމަށެވެ. ވެންގާ ބުނީ އިނގިރޭސި ފުޓްބޯޅައިގައި ވާދަކުރަމުން އަންނަ 92 ކްލަބުގެ ތެރެއިން ތިންބައިކުޅަ ދެބައި ކްލަބުތަކަށް މާލީ ގޮތުން ފޫނުބެއްދޭ ވަރުގެ މައްސަލަތަކާ ކުރިމަތިވާނެ ކަމަށެވެ.

"އިންގްލަންޑުގައި ދަށް ލީގުތައް އަންނަނީ މަރުވަމުން. ޕްރިމިއާ ލީގަށް އަސަރެއް ނުކުރާނެ. އަހަރެން ކަންބޮޑެއް ނުވޭ ޕްރިމިއާ ލީގާ މެދު. އެކަމަކު މިގައުމުގެ ފުޓްބޯޅައިގައި ވާދަ މިކުރާ 90 ކްލަބުގެ ތެރެއިން 65 އެއްހާ ކްލަބާ މެދު ކަންބޮޑުވޭ. ސަބަބަކީ މިއީ ސަޕޯޓަރުން ނުވައްދާ މެޗްތައް ކުޅެން ޖެހުމުން އާމްދަނީ ލިބޭ ގޮތް ބަންދުވެފައިވާ ކްލަބުތައް. ފުޓްބޯޅަ ދުނިޔެ އެބަޖެހޭ މިފަދަ ކްލަބުތަކަށް އެހީވެވެން އޮތީ ކޮން ގޮތަކަށްތޯ ބަލައި ހޯދަން. އަހަންނަށް ހިއެއް ނުވޭ މި އެންމެނަށް އެހީވެވޭ ވަރަށް ލާރި ހުރިހެން،" ވެންގާ ބުންޏެވެ.

ވެންގާ އިތުރަށް ބުނީ ފުޓްބޯޅަ އަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީގެ 20 އިންސައްތަ ކޮވިޑް-19 ގެ ސަބަބުން ގެއްލިގެންދާނެ ކަމަށެވެ.

"އަހަރެމެން ހިސާބު ހެދި ގޮތުން ފުޓްބޯޅަ އަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީގެ މުޅި ޖުމްލަ އިން 20 އިންސައްތަ ކޮވިޑްގެ ސަބަބުން ނުލިބޭނެ. މިސާލަކަށް ފުޓްބޯޅައިން މި ޖެނެރޭޓް ކުރަނީ 45 ބިލިއަން ޔޫރޯގެ ޓާންއޯވާ އެއް ނަމަ އޭގެ ތެރެއިން 10-14 ބިލިއަނާ ދެމެދުގެ އަދަދެއް ގެއްލިގެންދާނެ. ކްލަބްތަކުގެ 60-80 އިންސައްތަ އާމްދަނީ ހަރަދު ކުރަނީ މުސާރަތަކަށް. އެހެންކަމުން ވޭޖް ސްޓްރަކްޗާ އަށް ގޮތެއް ހަދައިގެން މި މާލީ ހީނަރުކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިދާނެ،" ވެންގާ ބުންޏެވެ.

ކޮވިޑްގެ ސަބަބުން މިދިޔަ މާޗް މަހު އިނގިރޭސި ފުޓްބޯޅަ ސީޒަން މެދުކަނޑާލާފައި އޮތުމަށްފަހު މި މަހުގެ 17 ގަައި އަލުން ފެށުމަށް ވަނީ ނިންމައިފައެވެ. އެހެންނަމަވެސް ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ސަޕޯޓަރުން ނުވައްދައެވެ. އިނގިރޭސި ދަށް ޑިވިޝަންތަކުގެ ގިނަ ކްލަބްތަކަކީ މެޗް ޓިކެޓުން ލިބޭ އާމްދަނީއެއްގެ މައްޗަށް ބަރޯސާވެގެން ހިންގަމުން އަންނަ ކްލަބުތަކަށް ވުމުން ކުރިއަށް އޮތްތާގައި މިފަދަ ކްލަބުތައް މާލީ ބޮޑު އަނދަވަޅަކަށް ވެއްޓުމުގެ ބިރު ވަނީ ހީވެފައެވެ.