1-0 އިން ލިވަޕޫލް ބަލިކޮށް ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގެ އުއްމީދު ޗެލްސީ އިން އާކޮށްފިއެވެ.

މި މޮޅާ އެކު ލީގުގެ ފަސްވަނައިގައި ޗެލްސީ މިހާރު އޮތީ 69 ޕޮއިންޓާ އެކުއެވެ. ހަތަރުވަނައިގައި 71 ޕޮޮއިންޓާ އެކު އޮތީ ޓޮޓެންހަމްއެވެ. މިރޭ ޗެލްސީ އަތުން ބަލިވި ލިވަޕޫލް އޮތީ 72 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައެވެ.

ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބިއްޖެނަމަ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ޗެލްސީ އަށް ނުލިބޭނެއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ ހަމައެކަނި ގޯލު އެޓީމަށް މެޗުގެ 32 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އޮލިވިއޭ ޖިރޫއެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ މޯސެސް ނަގައިދިން ހުރަހަކުން ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. މި ގޯލާއެކު ޖިރޫ ވަނީ ޗެލްސީ އަށް އެންމެފަހުން ކުޅެދިން ފަސް މެޗުގައި ހަތަރު ގޯލު ކާމިޔާބުކޮށްފައެވެ.

މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީ ފެބްރިގާސް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ލިވަޕޫލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފެބްރިގާސް ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.

މެޗުގެ ދެވަނަ ހާފްގައި ލިވަޕޫލް އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު ގޯލްޖަހަން ދެ ޓީމަށް ވެސް ލިބިފައިވަނީ މަދު ފުރުސަތުތަކެކެވެ. އެގޮތުން ޗެލްސީގެ ހަޒާޑް ފޮނުވާލި ހަމަލާ ލިވަޕޫލްގެ ކީޕަރު ދިފާއުކުރިއިރު އޮލޮންސޯ ފޮނުވާލި ހަމަލާ ދިޔައީ ލިވަޕޫލްގެ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

މި ހާފުގައި ޗެލްސީގެ ގޯލަށް ލިވަޕޫލް އިން ފޮނުވާލި އެންމެ ނުރައްކާތެރި ދެ ހަމަލާވެސް ފޮނުވާލި ދެވަނަ ހާފްގައި ކުޅެން އެރި ސޮލާންކޭއެވެ. ނަމަވެސް ކުރިން ޗެލްސީ އަށް ވެސް ކުޅުނު ސޮލާންކޭ ފޮނުވާލި ދެ ހަމަލާ ވެސް ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ.

މި މޮޅާއެކު ގަދަ ހަތަރެއްގެ އުއްމީދު ޗެލްސީ އިން އާކުރިއިރު ލީގުގައި އެޓީމަށް ބާކީ އޮތީ އެންމެ ދެ މެޗެބެ. އެގޮތުން ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ ހަޑަލްސްފީލްޑްއާއެވެ. އަދި ލީގުގެ ފަހު މެޗުގައި ޗެލްސީން ރަށުން ބޭރުގައި ނިކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ.