އިންޓަ މިލާން ކަޓުވާލައި ނަޕޯލީ އިން އިޓާލިއަން ކަޕް ފައިނަލްގެ ދެވަނަ ޖާގަ ހޯދައިފިއެވެ.

ނަޕޯލީ އިން ކޮޕާ އިޓާލިއާގެ ފައިނަލަށް ދަތުރު ކުރީ 2-1 ގެ އެގްރިގޭޓް ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ. މި ދެ ޓީމް ރޭ ނަޕޯލީގެ ދަނޑުގައި ކުޅުނު މެޗް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ނަޕޯލީ އަށް އެގްރިގޭޓުން ކުރި ލިބުނީ ފުރަތަމަ ލެގު މެޗް 1-0 އިން ކާމިޔާބުކޮށްފައި އޮތުމުންނެވެ. ފައިނަލްގައި ނަޕޯލީ ނުކުންނާނީ ޔުވެންޓަސްއާ ދެކޮޅަށެވެ. ޔުވެންޓަސް ފައިނަލަށް ދަތުރު ކުރީ އަވޭ ގޯލުގެ އުސޫލުން އޭސީ މިލާން ބަލިކުރުމަށްފަހުއެވެ. ފައިނަލް މެޗް އިޓަލީގެ ވެރިރަށް ރޯމްގައި ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ.

ރޭ އިންޓަ އާއި ނަޕޯލީ ބައްދަލުކުރި މެޗްގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ އިންޓަ މިލާނުންނެވެ. މެޗް ފަށައިގެން ދެވަނަ މިނެޓްގައި ކޯނަރަކުން ކީޕަރު ޑޭވިޑް އޮސްޕީނާގެ ގޯލް ތެރެއަށް ބޯޅަ ވައްދާލައިގެން މި ގޯލް އިންޓަ އަށް ޖަހައިދިނީ ކްރިސްޓިއަން އެރިކްސެންއެވެ.

އެއާއެކު ނަތީޖާ ހަމަހަމަވި ނަމަވެސް ނަޕޯލީ އަށް ކުރި ލިބުނީ ފުރަތަމަ ހާފް ނިމެން ގާތްވެފައި ވަނިކޮށް އޮސްޕީނާ އުފެއްދި ކައުންޓާ ހަމަލާއެއްގައި ފޯވަޑް ޑްރައިސް މާޓެންސް ގޯލެއް ޖަހައި އެގްރިގޭޓް ނަތީޖާ 2-1 އަށް ބަދަލުކޮށްލުމުންނެވެ.

މިއީ ބެލްޖިއަމްގެ ތަރި ނަޕޯލީ އަށް ޖަހައިދިން 122 ވަނަ ގޯލެވެ. މިއާއެކު އޭނާ ވަނީ ނަޕޯލީގެ ތާރީހުގައި އެ ކްލަބަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ޝަރަފް ހޯދައިފައެވެ. ކުރިން މި ރެކޯޑް އޮތީ ނަޕޯލީގެ ކެޕްޓަން ބޭންޑް ގިނަ އަހަރުތަކެއް ވަންދެން އެޅި ސްލޮވާކިއާގެ މަރެކް ހަމްސިކް އަތުއެވެ. 121 ގޯލާއެކު ހަމްޝިކް ލިސްޓުގެ ދެވަނަ އަށް ވެއްޓުނު އިރު ތިންވަނައިގައި އޮތީ އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ އެވެ.