ޖަރުމަނު ލީގުގައި ރޭ ބޮރޫޝިއާ މުންޗެންގްލަޑްބަކް އަތުން ހޯދި މޮޅާ އެކު ލީގު ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅަކާ ގާތަށް ބަޔާން މިއުނިކުން ޖެހިލައިފި އެވެ.

އަމިއްލަ ދަނޑުގައި ކުޅެ ބަޔާން މި މެޗް ކާމިޔާބުކުރީ 2-1 އިންނެވެ. ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ލީގު ތަށި އުފުލާލަން ބަޔާނަށް މިހާރު ބޭނުންވަނީ އެންމެ މޮޅެކެވެ. ލީގުގައި އަންނަ އަންގާރަ ދުވަހުގެ ރޭ ވާޑާ ބްރޭމަންއާ ވާދަކުރާ މެޗް ކާމިޔާބު ކޮށްގެން ބަޔާނަށް ލީގު ކަށަވަރުކުރެވޭނެއެވެ.

ތާވަލުގެ އެއް ވަނައިގައި ބަޔާން އޮތީ 31 މެޗުން 73 ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އޮތީ 66 ޕޮއިންޓާއެކު ބޮރޫޝިއާ ޑޯޓްމަންޑެވެ. ތިންވަނައިގައި 62 ޕޮއިންޓާއެކު އޮތީ އާރްބީ ލީޕްޒިގެވެ.

އެލިއާންޒް އެރީނާގައި ރޭ ބަޔާނާއި މުންޗެންގްލަޑްބަކް ބައްދަލު ކުރި މެޗްގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ ވެސް ބަޔާނުންނެވެ. މެޗްގެ ފުރަތަމަ ހާފްގެ 26 ވަނަ މިނިޓްގައި އިދިކޮޅު ޑިފެންންސް ލައިނުން ހެދި ގޯހެއްގެ ފައިދާ ނަގައި ބަޔާނަށް ލީޑު ނަގައިދިނީ ޖޯޝުއާ ޒާކްޒީއެވެ.

ނަމަވެސް ބަޔާނަށް ލީޑް ހިފަހައްޓައި ލެވުނީ ކުޑަ ވަގުތު ކޮޅަކަށެވެ. މެޗްގެ 37 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަ ވެގެން ދިޔައީ ބަޔާންގެ ފުލްބެކް ބެންޖަމިން ޕަވާޑް އަތުން ބައިކޮޅަށް ގޯލެއް ވަނުމުންނެވެ. އެ ނަތީޖާގައި އޮވެ މެޗް ނިމެމުން ދަނިކޮށް ބަޔާނަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ލިއޯން ގޮރެޓްޒްކާއެވެ. ގޮރެޓްޒްކާ މި ގޯލް ޖެހީ ޕަވާޑް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާއިރު ރަށުން ބޭރުގައި ކުޅެ ޑޯޓްމަންޑުން ވަނީ 1-0 އިން ޑުސެލްޑޯފް ބަލިކޮށްފައެވެ. މެޗްގައި ފެނިގެންދިޔަ ހަމައެކަނި ގޯލް އިތުރު ވަގުތުގައި ޖެހީ ޒުވާން ފޯވަޑް އާލިން ހާލަންޑްއެވެ. ތާވަލުގެ ތިންވަނައިގައި އޮތް ލީޕްޒިގުން ވަނީ ރަށުން ބޭރުގައި ކުޅެ ހޮފެންހައިމް އަތުން 2-0 އިން މޮޅުވެފައެވެ.