ސްޕެނިޝް ލީގުގައި ރޭ ވާދަވެރި ދެ ކްލަބު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

ރޭގެ މެޗަށް ނިކުތްއިރު ވެސް ލީގު ޗެމްޕިއަންކަން ހޯދާފައިވާ ބާސާ ލީގުގެ އެއްވަނައިގައި މިހާރު އޮތީ 87 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 75 ޕޮއިންޓާ އެކު އެތްލެޓިކޯ މެޑްރިޑް އޮތްއިރު 72 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައި އޮތީ ރެއާލްއެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 10 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. ސާޖީ ރޮބާޓޯ ނަގައިދިން ހުރަހަކުން މި ގޯލު ބާސާ އަށް ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒްއެވެ. ނަމަވެސް އޭގެ ހަތަރު މިނެޓްފަހުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ރެއާލް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި ގޯލަށްފަހު ރެއާލް އަށް ލީޑު ނަގައިދޭން ރޮނާލްޑޯ އަށް ރަނގަޅު ދެ ފުރުސަތެއް ލިބިފައިވެއެވެ. އެގޮތުން އޭނާ ފޮނުވާލި އެއް ހަމަލާ ބާސާގެ ކީޕަރު ސްޓޭގަން ދިފާއުކުރިއިރު އަނެއް ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ފުރަތަމަ ހާފްގެ ފަހުކޮޅު ދެ ޓީމުގެ ފަރާތުން ވެސް ގިނަ ފައުލްތަކެއް ފެނިގެން ގޮސްފައިވާއިރު އެ ހާފްގެ ފަހު މިނެޓްގައި ރެފްރީ ވަނީ ބާސާގެ ސާޖީ ރޮބާޓޯ އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އޭނާއަށް ރަތްކާޑު ދެއްކީ ރެއާލްގެ މާސެލޯގެ ގައިގައި އޭނާ ޖެހުމާ ގުޅިގެންނެވެ.

މެޗުގެ ދެވަނަ ހާފް 10 ކުޅުންތެރިންނާ އެކު ބާސާ އިން ފުރިހަމަ ކުރަން ޖެހުނުއިރު، ދެވަނަ ހާފަށް ރެއާލް އިން ނިކުތީ ރޮނާލްޑޯއާ ނުލައެވެ. ދެވަނަ ހާފްގައި ރޮނާލްޑޯ ނުކުޅުނީ އަނިޔާގެ މައްސަލައަކާ ގުޅިގެން ކަމަށްވާއިރު އޭނާގެ ބަދަލުގައި ކުޅެން އެރީ އެސެންސިއޯއެވެ.

ދެވަނަ ހާފްގައި ބާސާ އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު މެޗުގެ 52 ވަނަ މިނެޓްގައި ބާސާ އިން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. އެގޮތުން ސުއަރޭޒް ދިން ޕާހަކުން މި ގޯލު ބާސާ އަށް ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީއެވެ. މިއީ ލީގުގައި މެސީ ކާމިޔާބުކުރި 33 ވަނަ ގޯލެވެ.

މި ގޯލަށްފަހު ވެސް މެސީ އަށް ގޯލްޖަހާނެ އިތުރު ފުރުސަތެއް ލިބިގެން ގޮސްފައިވެއެވެ. ނަމަވެސް ރެއާލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ މެސީ ފޮނުވާލި އެ ހަމަލާ ރެއާލްގެ ކީޕަރު ނަވާސް ވަނީ ދިފާއުކޮށްފައެވެ. އެ ފުރުސަތުގެ ބޭނުން ބާސާ އަށް ނުހިފުނުއިރު މެޗުގެ 72 ވަނަ މިނެޓްގައި ގެރެތް ބޭލް ވަނީ ރެއާލް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ބޭލް މި ގޯލު ކާމިޔާބުކުރީ ބާސާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ރޭގެ މެޗު އެއްވަރުވިއިރު މި ސީޒަނުގެ ސްޕެނިޝް ލީގުގައި ބާސާ އަދި މެޗަކުން ބަލިވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ލީގު ޗެމްޕިއަންކަން ލިބިފައިވުމުން ބާސާގެ މިހާރު އެންމެ ބޮޑު އަމާޒަކަށް ވެފައިވަނީ މެޗަކުން ބަލިނުވެ ލީގު ނިންމާލުމެވެ. މިފަހުގެ ތާރީހެއްގައި ސްޕެނިޝް ލީގުގެ އެއްވެސް ޓީމަކަށް ބަލިނުވެ ލީގު ނިންމާލެވިފައެއް ނުވެއެވެ.

ލީގުގައި ބާސާ އަށް ބާކީ އަދި ތިން މެޗު އެބައޮތެވެ. އެ މެޗުތަކުގައި އެޓީމު ނިކުންނާނީ ވިޔަރެއާލް އާއި ލެވާންޓޭގެ އިތުރުން ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަށްދު

    ރެފުރީގެ އެހީތެރިކަމާއެކު ރެއާލްމެޑްރިޑް މޮޅުވިޔަނުދީ ބާސެލޯާއިން ރެއާލް މެޑުރިޑް ހިފަހަށްޓައިފި

  2. ޙަޤީގަތް

    ރައްދު މެޗު ބެލި ހެނެއް ހިޔެއް ނުވޭ... ނޫނީ ނިދާފަ އިދެގެން ތިބެލީ... ރޭގަވެސް އަދި އެހެން މެޗް ތަކުގަވެސް ރެފްރީގެ އެހީ މިފަހަރު އެންމެ ބޮޑު ޓީމަކީ ރެއާލް.... ޗެމްޕިއަންސް ލީގު ފައިނަލަށްވެސް ދިޔައީ ރެފްރީގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު....