އިނގިރޭސި ޕްރިމިއާ ލީގުން ކާޑިފް ސިޓީ ޖާގަ ހޯދައިފިއެވެ.

އިނގިރޭސި ދެ ވަނަ ޑިވިޝަން ޗެމްޕިއަންޝިޕްގެ ދެވަނަ ހޯދައިގެން ކާޑިފް އަށް އަންނަ ސީޒަނުގެ ޕްރިމިއާ ލީގުން ޖާގަ ޔަގީންވީ ރޭ އެޓީމު ރެޑިން އާއި ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެ، ކާޑިފް އާއި އެންމެ ގާތުން ދެވަނަ މަގާމަށް ވާދަކުރަމުން އައި ފުލަމް ބަލިވުމާ ގުޅިގެންނެވެ. ފުލަމް ބަލިވީ ބާމިންގްހަމްއާ ބައްދަލުކޮށް 1-3 އިންނެވެ.

ޕްރިމިއާ ލީގުގައި ކާޑިފް އެންމެފަހުން ކުޅެފައިވަނީ 2014 ވަނަ އަހަރުއެވެ.

ޕްރިމިއާ ލީގަށް ކާޑިފް ޕްރޮމޯޓްވުމާ ގުޅިގެން އެޓީމުގެ ކޯޗު ނީލް ވާނޮކް ބުނީ ޕްރިމިއާ ލީގުގައި އެޓީމަށް ހިފަހައްޓާލެވޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް އެއީ ކުރަން އެހާ ފަސޭހަ ކަމެއް ވެސް ނޫންކަމަށެވެ.

"މިއީ އަހަރެންގެ 38 އަހަރުވީ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ. މިކަން އަހަރުމެންނަށް ކުރެވިދާނެ ކަމަކަށް އެއްވެސް މީހަކު ގަބޫލެއް ވެސް ނުކުރޭ. އަހަރެން ކާޑިފްގެ ކޯޗުކަމާ ހަވާލުވިއިރު ޓީމު އޮތީ ލީގުގެ ވަރަށް ފުލުގަ. މި ޓީމުގަ ތިބި ކުޅުންތެރިންނާއި މެދު އަހަރެން ފަހުރުވެރިވަން. މިއީ އަހަރެންގެ ކެރިއަރުގަ ލިބުނު އެންމެ ފަހުރުވެރިވާ ކާމިޔާބީ" ވާނޮކް ބުންޏެވެ.

ކާޑިފްއާއެކު އިނގިރޭސި ދެ ވަނަ ޑިވިޝަން ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް ދެން ޕްރޮމޯޓް ވެފައިވަނީ ވުލްވްސްއެވެ. މީގެއިތުރުން ވެސް އެ ޑިވިޝަނުގެ އިތުރު ޓީމެއް ޕްލޭއޮފް ކުޅެގެން އަދި ޕްރިމިއާ ލީގަށް ޕްރޮމޯޓް ވާނެއެވެ. އެ ޖާގައަށް ވާދަކުރަނީ ފުލަމް، އެސްޓަންވިލާ، މިޑިލްސްބަރާ އަދި ޑާބީ ކައުންޓީއެވެ.