ކޮރޯނާވައިރަހުގެ ސަބަބުން މެދުކަނޑާލި ސްޕެނިޝް ލީގު އަލުން ފެށުނު ފަހުން ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.

ލަލީގާގައި ރޭ ތާވަލުގެ 16 ވަނައިގައި އޮތ އެއިބާއާ ދެކޮޅަށް ކުޅެ ރެއާލުން މެޗް ކާމިޔާބު ކުރީ 3-1 އިންނެވެ. ސެންޓިއާގޯ ބާނަބައުގައި މަރާމާތުގެ މަސައްކަތްތަކެއް ކުރަމުން ދާތީ، މި މެޗު ކުޅެފައިވަނީ އަލްފްރެޑޯ ޑި ސްޓެފާނޯ ސްޓޭޑިއަމްގައެވެ.

ރެއާލްގެ ކޯޗްގެ ގޮތުގައި ޒައިނިދީން ޒިދާން ނުކުތް 200 ވަނަ މެޗުގައި އޭނާ ވަނީ ފައިގެ ކުޑަހުޅަށް ލިބުނު ހާނިއްކައެއްގެ ސަބަބުން ގިނަ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު އެނބުރި އައި ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑް ފުރަތަމަ އެގާރައިގައި ހިމަނައިފައެވެ.

ރޭގެ މެޗްގެ ކުރިން ހަޒާޑް އެންމެ ފަހުން ރެއާލްގެ ޖާޒީގައި ފެނިފައިވަނީ މިދިޔަ ފެބްރުއަރީ މަހު އެވެ. ހޮނިހިރު ދުވަހުގެ ރޭ މަޔޯކާ އަތުން ބާސެލޯނާ މޮޅުވެފައިވުމުން ރޭ އެއިބާ އަތުން ތިން ޕޮއިންޓް ހޯދަން ރެއާލަށް އޮތީ މަޖުބޫރުވެފައެވެ.

ސަޕޯޓަރުންނާ ނުލައި ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު ރެއާލުން ވަނީ ލީޑް ނަގައިފައެވެ. މެޗްގެ ހަތަރު ވަނަ މިނެޓުގައި އެ ޓީމަށް މި ގޯލް ކާމިޔާބުކޮށްދީފައިވަނީ ޖަރުމަންގެ މިޑްފިލްޑަރު ޓޯނީ ކްރޫސްއެވެ. ރެެއާލުން ލީޑް ފުޅާކުރީ 30 ވަނަ މިނެޓުގައި ހަޒާޑް ތަނަވަސްކޮށްދިން ފުރުސަތަކުން ކެޕްޓަން ސާޖިއޯ ރާމޯސް ޖެހި ގޯލުންނެވެ. ރެއާލްގެ ތިންވަނަ ގޯލް 37 ވަނަ މިނެޓުގައި ޖެހީ ޑިފެންޑަރު މާސެލޯއެވެ.

މެޗުގެ ދެވަނަ ހާފުގައި އެއިބާއިން ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކުރިއިރު، 60 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޕެޑްރޯ ބިގާސްއެވެ.

މިނަތީޖާއާއެކު ރެއާލުން ވަނީ އެއްވަނައިގައި އޮތް ބާސެލޯނާއާ އެޓީމާ ދެމެދުގައިވާ ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފައެވެ. ބާސާ އެއްވަނައިގައި އޮތީ 61 ޕޮއިންޓް ހޯދައިގެންނެވެ. ރެއާލަށް ލިބިފައިވަނީ 59 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ސެވިއްޔާ އަށް ލިބިފައިވަނީ 50 ޕޮއިންޓެވެ.