ސްޕެނިޝް ލީގް ކާމިޔާބު ކުރަން ކުރެވެން ހުރި ހުރިހާ މަސަތްކަތެއް ކުރާނެ ކަމަށް ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޮސް ބުނެފިއެވެ.

ކޮވިޑް-19 އާ ހެދި މިދިޔަ މާޗް މަހު ސްޕެއިންގެ ފުޓްބޯޅަ ސީޒަން މެދުކަނޑާލުމަށްފަހު އަލުން ފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ބަންދަށްފަހު އެނބުރި އައިސް ކޮންމެ ޓީމަކުންވެސް ވަނީ މިހާތަނަށް އެއް މެޗް ކުޅެފައެވެ.

ލީގުގެ އެންމެ ކުރީގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އޮތީ 61 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ރެއާލް އޮތީ 59 ޕޮއިންޓާއެކުއެވެ. ލީގުގައި ބާކީ ކޮންމެ ޓީމަކަށްވެސް އޮތީ 10 މެޗެވެ. އެހެންކަމުން ތައްޓަށް އަމާޒު ހިފާފައިވާ ބާސާ އާއި ރެއާލްގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ.

ރެއާލްގެ ކެޕްޓަން ރާމޮސް ބުނީ ލީގް ކާމިޔާބު ކުރުމަކީ މުޅި ޓީމުގެ އެންމެ ބޮޑު އަމާޒް ކަމަށާއި ކުރިއަށް އޮތީ 10 ފައިނަލް މެޗް ކަމަށެވެ. ރާމޮސް ބުނީ ބޮޑު ބްރޭކަކަށް ފަހު ކުޅުމުގެ ތެރެއަށް އައުމުން ތަފާތު ތަކެއް ހުރި ކަމަށާއި ކުޅުންތެރިން ތިބީ ޕޮޒިޓިވްކޮށް ކަމަށެވެ.

"އަލުން ކުޅެވެން ފަށައި، މެޗުން ތިން ޕޮއިންޓް ލިބުމުން އަހަރެން މިހުރީ ވަރަށް އުފަލުން. އަދި އެބައޮތް 10 ފައިނަލް މެޗް. މި ހުރިހާ މެޗްތަކެއް ކާމިޔާބު ކުރަން ކުރެވެން ހުރި ހުރިހާ މަސަތްކަތެއް އަހަރެމެން ކުރާނަން. ބޮޑު ބްރޭކަކަށް ފަހު އަލުން ކުޅެން ފެށީމަ އެންމެނަށް ވެސް ތަފާތު އިހުސާސްތަކެއް ކުރެވުނު. ކޮންމެއަކަސް ފާއިތުމިވީ ވަރަށް ތަފާތު ހާލަތެއް. ބޭރަށް ނުދެވި ގޭގައި ގިނަ ދުވަހު އުޅެން ޖެހުމުން އޭގެ އަސަރު ކުރި. ނަމަވެސް އަހަރެމެން ޖެހޭނެ މިފަދަ ހާލަތްތަކުން ޕޮޒިޓިވް ކަންކަން ނަގައިގަންނަން، ފުޓްބޯލް އެނބުރި އައުމަކީ މުޅި ގައުމަށް ލިބޭނެ އުފާވެރިކަމެއް،" ރާމޮސް ބުންޏެވެ.

ރޭ އެއިބާއާ ދެކޮޅަށް ރެއާލުން ޖެހި ދެވަނަ ގޯލް ޖެހީ ރާމޮސްއެވެ.

ލީގުގައި ރެއާލަށް ދެން ކުރިއަށް އޮތީ ވެލެންސިއާ އާއި ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗް ކުޅޭނީ އަންނަ ހުކުރު ދުވަހުއެވެ. އޭގެ ކުރިން ލެގަނޭޒްއާ ދެކޮޅަށް ބުދަ ދުވަހުގެ ރޭ ބާސާ ނުކުންނާނެއެވެ.