ކޮރޯނާ ވައިރަހުގެ ބަންދަށްފަހު އަންނަ އޮކްޓޯބަރު މަހު އަލުން ފަށާ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނަށް ތައްޔާރުވުމުގެ ގޮތުން އެކުލަވާލި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން ހަސަން ނާއިޒް (ދާދު) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) ގެ އިތުރުން އިޝާން އިބްރާހިމް (ސައްޓު) އަށް ފުރުސަތު ދީފިއެވެ.

މި ތިން ކުޅުންތެރިން ހިމަނައިގެން މުޅިއެކު 32 ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ގައުމީ ސްކޮޑް އެފްއޭއެމުން އިއުލާނު ކޮށްފައިވަނީ މިއަދު އެ އިދާރާ އިން ބޭއްވި އޮންލައިން ނިއުސް ކޮންފަރެންސް އެއްގައެވެ.

ސައްޓު އާއި ދާދު އަދި އިއްބެ ވަހީދު ސްކޮޑުގައި ހިމަނާފައި މިވަނީ މި 3 ކުޅުންތެރިން ބާކީ ކޮށް ގައުމީ ސްކޮޑް ކުޑަކޮށްފައިވާ ކަމަށް އަޑު ފެތުރިފައިވަނިކޮށެވެ.

ކޮވިޑް-19 ގެ ނުރައްކާ ކުރިމަތިވުމުގެ ކުރިން ގައުމީ ޓީމް އައީ 31 ކުޅުންތެރިންގެ ސްކޮޑަކާއެކު ކޯޗް މާޓިން ކޫޕްމަންގެ އިރުޝާދުގެ ދަށުން ފަރިތަކުރަމުންނެވެ. ކުރީގެ ސްކޮޑަށް އިތުރުވި ކުޅުންތެރިއަކީ ޓީސީ ސްޕޯޓްސް ކްލަބަށް ދާދި ފަހުން ބަދަލުވި އަލީ ޝާމިސް (ތޮއްޕޭ) އެވެ. ތޮއްޕޭ އަކީ މިދިޔަ ސީޒަނުގެ ބޮޑުބައެއްގައި ށ. ފޯކައިދޫ ފުޓްބޯޅަ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔެކެވެ.

32 ކުޅުންތެރިންގެ ސްކޮޑާއެކު، ގައުމީ ޓީމުގެ ފަރިތަކުރުންތައް އަންނަ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު ފަށަން ވަނީ ނިންމައިފައެވެ. ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެން ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.

ކޮވިޑް-19ގެ ސަބަބުން ފަސްކުރި ކޮލިފައިން މެޗުތައް އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހަށް ތާވަލު ކޮށްފައިވާއިރު، ރާއްޖެ އާއި ޗައިނާ ބައްދަލުކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހު އެވެ. ރާއްޖެ އާއި ސީރިއާ ވާދަކުރާ މެޗް އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ކުޅޭއިރު ރަށުން ބޭރުގައި ފިލިޕީންސްއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު އޮންނާނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

ކޮލިފައިންގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓް ހޯދާފައިވާ ސީރިއާއެވެ. ދެވަނައިގައި އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައިގެން ޗައިނާ އެވެ. ތިންވަނައިގައި އޮތީ ހަމަ އެ އަދަދަށް ޕޮއިންޓު ހޯދާފައިވާ ފިލިޕީންސެވެ. ފަސްވަނައިގައި އޮތީ ގުއާމެވެ. ގުއާމް މިހާތަނަށް ފަސް މެޗު ކުޅެފައިވާ އިރު އަދި ޕޮއިންޓެއް ލިބިފައިނުވެއެވެ.