ކުރިއަށް އޮތް ސީޒަންގެ ކަލަންޑަރު ރާވާލަނީ ކުޅުންތެރިންނަށް ޑިސެމްބަރު މަހު ސްކޫލް ބަންދާއި ދިމާކޮށް ޗުއްޓީ ލިބޭނެގޮތަށް ކަމަށް އެފްއޭއެމް އިން ބުނެއްފިއެވެ.

ގައުމީ ފުޓުބޯޅަ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ޑިސެމްބަރު މަހަކީ ރާއްޖޭގައި އަބަދުވެސް ކުޅުން މެދުކަނޑާަލާ ދުވަސް ކޮޅެއް ކަމާއި ގިނަ ބަޔަކު އާއިލާ އާއިއެކު ވަގުތު ހޭދަކުރާ ދުވަސްކޮޅެއް ކަމެވެ. މިހެންވެ މިކަމަށް ސަމާލުކަންދީ މި ސީޒަންވެސް ރާވާލާނީ ސުކޫލް ބަންދު ދުވަސްވަރަކީ ފުޓްބޯޅައަށްވެސް ހުސް ދުވަސްކޮޅެއްގެ ގޮތުގައި ކަމަށެވެ.

ރާއްޖޭގައި މިހާރު ސީޒަން މެދުކަޑާލާފައި ވާތީ ގިނަ ކޯޗުންނާއި ކުޅުންތެރިންވަނީ އަލުން ކަލަންޑަރު ރާވާާލާނެ ގޮތަކުން ޑިސެމްބަރުމަހުގެ ޗުއްޓީ ނުލިބެދާނެތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ބައްސާމް ވިދާޅުވީ އެ ދުވަސްކޮޅު ކުޅުންތެރިންނަށް ހުސްކޮށްދޭނެ ކަމަށާއި އޭގެ އިތުރުން ގައުމީ ޓީމުގެ މެޗުތަކަށް ނޫނީ ސީޒަން ހުސްކޮށް ނުބާއްވާނެ ކަމަށެވެ.

އަދި ފާއިތުވި އަހަރު ތަކުގެ ތަޖުރިބާ ތާކާއިއެކު މިސީޒަންގެ ކަލަންޑަރުވެސް ރާވާލާނީ ޓީމުތަކަށް އެންމެ ފަސޭހައިން މެޗުތަކަށް ތައްޔާރު ވެވޭނެ ގޮތަށާއި ފުޓްބޯޅައަށްވެސް އެންމެ ފައިދާހުރި ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް - 19 ގެ ސަބަބުން މިހާރު ސީޒަން މެދުކަނޑާލާފައި ވާއިރު އަލުން ސީޒަން ފަށަން ވިސްނަމުން ދަނީ އަންނަ އޮކްޓޫބަރު މަހުގައި ކަމަށް އެފްއޭއެމްއިން ވަނީ ބުނެފައެވެ.

މީގެ ދުވަސްކޮޅެއްގެ ކުރިން ބައްސާމް ވިދާޅުވެފައި ވަނީ ނިއު ނޯމަލްގައި އަމަލް ކުރާނެ ގޮތުގެ ޕްލޭނެއް މިހާރު ކުރެވިފައި ވާކަމާއި އެފްއޭއެމް އިން އޮތީ އަލުން ފުޓްބޯޅަ ފެށުމަށް ވަރަށް ބޮޑަށް ތައްޔާރު ވެފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެހިން

    ދިވެހިން ދިވެހި ފުޓްބޯޅައަށް ނޫނެކޭ ބުނެ ދިވެހި ފުޓްބޯޅަ ބެލުން ހުއްޓާލިތާ ކިތަންމެ ދުވަހެއް.
    ގަލޮޅުދަޑުގަ ތިކުޅޭ ފުޓްބޯޅައަކީ މިހާރު މިރާއްޖޭގަ ސިޔާސީ ހަރަކާތަކަށް ވެފަވަކަމެއް.
    މިހާރު ދިވެހިން ލޯބިކުރަނީ، ބޭރުދުނިޔޭގެ ފުޓްބޯޅައަށް.

  2. ދިވެހިން

    ދިވެހިން ގަލޮޅުދަނޑުގަ ތިހާވާ ހަޑި ބަލަންދާކަށް ނޫޅޭ. ވަރިހަމަ ކޮންމެގޮތަކަށް މެޗުތައް ރޭވިޔަސް ނޯއިންޓްރސްޓް