ރޭ ކުޅުނު އެލް ކްލެސިކޯގައި ރޯނާލްޑޯ ބަދަލު ކޮށްފައި ވަނީ އޭނާ އަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ކަން ރިއަލް މެޑްރިޑުގެ ކޯޗު ޒިނެދިން ޒިދާން ވަނީ ކަށަވަރު ކޮށްދީފައެވެ.

ރޮނާލްޑޯގެ ފައި ކުޑަ ހުޅަށް ލިބުނު އަނިޔާ އާއި ގުޅިގެން ވަނީ ސްކޭން އެއް ހަދަން ޖެހިފައެވެ. ނަމަވެސް ޒިދާން ބުނާގޮތުން އެއީ ލިވަޕޫލް އާއި ދެކޮޅަށް ކުޅޭ ފައިނަލް މެޗުގައި ނުކުޅެވޭނެ ވަރުގެ އަނިޔާ އެއް ނޫނެވެ.

"އަދި އޭނާ ރަނގަޅެއް ނޫން އަހަންނަށް ހީވަނީ އެއީ ކުޑަ އަނިޔާ އެއްހެން. ހޯމަ ދުވަހު ރޮނާލްޑޯ ފައިގެ ސްކޭނެއް ހަދާނެ. ރޮނާލްޑޯ ބުނެފައި ވަނީ މާބޮޑު ކަމެއް ވެދާނެ ހެނެއް ހީނުވާ ކަމަށް" 2-2 ގެ ނަތީޖާ އިން އެއްވަރުވި މެޗަށް ފަހު ޒިދާން ބުންޏެވެ.

ރޮނާލްޑޯގެ ކުޑަ ހުޅު އެނބުރިފައި ވަނީ 45 ވަނަ މިނެޓުގައި އޭނާ މެޗުގެ ނަތީޖާ ހަމަ ހަމަ ކުރި ގޯލު ޖެހުމުގެ ތެރޭގައެވެ. ހަމަ އެފަދަ ހަމަލާ އެއްގައި ޕައުލީނިއޯ ކަކުލުން ޖެހި ރިއަލްމެޑްރިޑުގެ ކީޕަރު ކޭލާ ނަވާސް ވެސް ވަނީ އަނިޔާ ވެފައެވެ. ނަމަވެސް އޭނާ ވަނީ މެޗުގެ ބާކީ އޮތް ބައި ކުޅެފައެވެ.

ރޮނާލްޑޯ އަށް އަނިޔާވެފައި ވާއިރު ރިއަލް މެޑްރިޑުގެ ދެވަނަ ގޯލު ކާމިޔާބު ކޮށް ދިން ގެރެތް ބޭލް މިއަދުގެ ވަގުތެއްގައި ދެވަނަ ފަހަރަށް ބައްޕަ އަކަށް ވާނެއެވެ.