މެންޗެސްޓާ ސިޓީގެ ތަރި ޑޭވިޑް ސިލްވާއަށް ބޮޑު ފެއާވެލް އެއް ދިނުމަށް އެ ކުލަބުން ނިންމައިފިއެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހާމަ ކުރިގޮތުގައި އެ ކުލަބުން ސިލްވާއަށް ސީޒަން ނިމުމަށް ފަހު ސަޕޯޓަރުން ދަނޑަށް ވަނުމުގެ ހުއްދަ ލިބުމުން އަލުން އޭނާ ދަނޑަށް ގެނެސް ސަޕޯޓަރުން ކުރިމަތީގައި ރަނގަޅު ފެއާވެލްއެއް ދޭނެ ކަމަށެވެ.

34 އަހަރުގެ ސިލްވާ ވަނީ ސީޒަން ނިމުމަށް ފަހު ގަތަރުގެ ކުލަބަކަށް ބަދަލްވާން ނިންމާފައެވެ. ގާޑިއޯލާ ހާމަކުރި ގޮތުގައި އޮގަސްޓު މަހުގެ ނިޔަލަށް ސިލްވާ ކުލަބުގައި މަޑު ކުރާނެއެވެ. އެހެން ކަމުން ސިލްވާ ދެން ސިޓީއަށް ކުޅެދޭ މެޗުތައް ކުޅޭނީ ސަޕޯޓަރުންނާއި ނުލައެވެ.

"މިއީ ވަރަށް ހިތާމަވެރި ވަގުތުކޮޅެއް ސިލްވާއަށް ސިޓީގައި އެންމެ ފަހު ދުވަސްކޮޅު ސަޕޯޓަރުންނާއި ނުލާ ކުޅުމަކީ ، އެއްވެސް ކުޅުންތެރިޔެއް ބޭނުން ވާނެ ގޮތެއް ނޫން އެއީ، އެކަމަކު މިހާރު އޮތް ހާލަތް މިއީ" ސިޓީގެ ކޯޗު ގާޑިއޯލާ ބުންޏެވެ.

"އޭނާ މިސީޒަން ނިމެންދެން ކުލަބް ގައި މަޑުކުރާނެ، ހުރިހާކަމެއް ރަނގަޅުވުމުން އަނބުރާ ދަނޑަށް އޭނާ ގެނެސް ރަނގަޅު ފެއާވެލްއެއް ދޭނަން"

ސިލްވާ ސިޓީ ދޫކޮށް ދިޔުމުން ސިޓީގެ ގޯލްޑެން އެރާގެ ހުރިހާ ކުޅުންތެރިން ދިޔައީ ކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ.

ޔާޔާ ޓޯރޭ، ކޮމްޕެނީ އަދި ޖޯއީ ހާޓް އާއި ސިލްވާ އަކީ ސިޓީގެ އެންމެ ކާމިޔާބީ ދުވަސް ވަރު ކުޅުނު އެންމެ މުހިންމު ކުޅުންތެރިންގެ ގޮތުގައި ގާޑިއޯލާ ވަނީ ފާހަގަ ކޮށްފައެވެ.

2010 ވަނަ އަހަރު ސިޓީއަށް ގުޅުނު ސިލްވާވަނީ އެޓީމަށް 301 މެޗު ކުޅެދީ 57 ލަނޑު ކާމިޔާބު ކޮށްދީފައެވެ. ސްޕެއިން އާއިއެކު 2010 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރި ސިލްވާ ވަނީ ސިޓީއާއި އެކު 4 ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ.