ދުނިޔޭގެ ކްލަބު ފުޓްބޯޅައިގެ އެންމެ ބޮޑު އެއް މުބާރާތް ކަމުގައިވާ ޔޫއެފާ ޗެމްޕިއަންސް ލީގު ކޮވިޑް-19 އާއި ގުޅިގެން މެދު ކަނޑާލާފައި އޮތުމަށް ފަހުގައި އޯގަސްޓް މަހު ފަށަން ނިންމައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ޗެމްޕިއަންސް ލީގު މެޗުތައް މެދު ކަނޑާލާފައި ވަނީ ގަދަ 16 ގެ ދެވަނަ ބުރުގެ މެޗުތައް ކުޅެމުން ދަނިކޮށެވެ. މެޗުތައް މެދުކަނޑާލި އިރު ގަދަ 16 ގެ ދެވަނަ ބުރުގެ ހަތަރު މެޗެއް ބާކީ އޮތެވެ. އެއީ ބަޔާން އާއި ޗެލްސީ ބައްދަލުކުރަން އޮތް މެޗާއި، ބާސެލޯނާ އަދި ނަޕޯލީ ބައްދަލުކުރަން އޮތް މެޗާއި މެންޗެސްޓާ ސިޓީއާއި ރެއަލްމެޑްރިޑް ބައްދަލުކުރާ މެޗުގެ އިތުރުން ޔުވެންޓަސް އާއި ލިޔޯން ބައްދަލުކުރަން އޮތް މެޗެވެ.

މި މުބާރަތް މިހާރު ކުއާޓާ ފައިނާލައި ހިސާބުން މިނީ ޓޯނަމެންޓަކަށް ބަދަލުކުރަން މުބާރާތް އިންތިޒާމް ކުރާ ފަރާތުން ނިންމާފައި ވާއިރު، މުބާރާތުގެ ގަދަ 16ގައި ބާކީ ހުރި މެޗުތައް ކުރިއަށް ދާނީ އޯގަސްޓް 7 އަދި 8 ގައެވެ. މުބާރާތުގެ ކުއާޓާ ފައިނަލާއި ސެމީ ފައިނަލްގެ މެޗުތައް ކުރިއަށް ދާނީ އޯގަސްޓް 12 އިން 23 އާއި ދެމެދުގައެވެ.

ފުޓްބޯޅަ އަށް ލޯބި ކުރާ ގިނަ ފަރާތްތަކަކުން އަންނަނީ މުބާރާތް ކެންސަލް ނުކޮށް، އަލުން ފެށުމަށް ނިންމާފައިވުމުން އެކަމާއި އުފާ ފާޅު ކޮށްފައެވެ.