ފައިނަލުގައި ވަރުގަދަ ޔުވެންޓަސް ބަލިކޮށް ނަޕޯލީ އިން ކޮޕާ އިޓާލިއާގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ރޭ އިޓަލީގެ ރޯމްގައި ހުންނަ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ނިމުނީ ދެ ޓީމު 0-0 އިން އެއްވަރުވެގެންނެވެ. ނަޕޯލީ އިން މެޗް ކާމިޔާބު ކުރީ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 4-2 އިން ކުރި ހޯދައިގެންނެވެ.

މިއީ އިޓާލިއަން ކަޕް ނަޕޯލީން ކާމިޔާބުކުރި ހަ ވަނަ ފަހަރެވެ. އަދި ކޯޗް ޖެނާރޯ ގަޓޫސޯ ކޯޗިންގް ކެރިއަރުގައި ހޯދި ފުރަތަމަ ތައްޓެވެ. އިޓަލީއާ އެކު 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ގަޓޫސޯ އޭސީ މިލާނުގެ ކޯޗުކަން މިދިޔަ އަހަރުގެ މެއި މަހު ދޫކޮށްލުމަށް ފަހު ނަޕޯލީއާ ހަވާލުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ނަޕޯލީން އިޓާލިއަން ކަޕް ކާމިޔާބުކުރީ ގަޓޫސޯގެ ކޯޗުކަމުގައި ކުޅުނު 17 ވަނަ މެޗުގައެވެ.

ރޭގެ ފައިނަލް މެޗްގެ ފުރަތަމަ ހާފުގައި ބޮޑަށް ނުރައްކާތެރިކޮށް ފެނުނީ ނަޕޯލީއެވެ. ނަމަވެސް ފުރަތަމަ ބޮޑު ހަމަލާ ފޮނުވާލީ ޔުވެންޓަސް އިންނެވެ. މެޗްގެ ވަރަށް ކުރީކޮޅު ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ބާރު ބޯޅަ ނަޕޯލީގެ ގޯލްކީޕަރު އެލެކްސް މެރެޓް ވަނީ މަތަކޮށްފައެވެ.

ރޮނާލްޑޯގެ ހަމަލާއަށްފަހު ދެން ފެނުނީ ނަޕޯލީ އިން ޔުވެންޓަސްގެ ގޯލަށް ނުރައްކާ ކުރި ތަނެވެ. ފޯވަޑް ލޮރެންޒޯ އިންސީނޭ ފޮނުވާލި ހިލޭ ޖެހުމެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު ހާފް ނިމެން ގާތްވެފައި ވަނިކޮށް އިންސީނޭ ފޮނުވާލި އިތުރު ހަމަލާ އެއް ގޯލާ އަމާޒް ނުވެ ދިޔައީ ބޭރަށެވެ. މީގެ އިތުރުން ހާފްގެ ފަހު ވަގުތު ކޮޅުގައި ޑިއޭގޯ ޑެއްމޭ ޖެހި ނުރައްކާތެރި ބޯޅަ ޔުވެންޓަސްގެ ގޯލަށް ނުވަދެ ސަލާމަތްވީ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮންގެ ހުޝިޔާރުކަމުންނެވެ.

މެޗްގެ ދެވަނަ ހާފުގައި ވެސް ނަޕޯލީން ވަނީ ޔުވެންޓަސްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ފަބިއަން ރުއިޒް ފޮނުވާލި ހަމަލާ ގޯލުގެ އަރިމަތިން ބޭރަށް ދިޔައިރު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މަޓެއޮ ޕޮލިޓާނޯ ފޮނުވާލި ބޯޅައިގެ ހުރަކަށްވީ ބުފޮންއެވެ. މީގެ އިތުރުން ޕޮލެންޑުގެ ފޯވާޑް އަކާޑިއުސް މިލިކަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ޖެހި ބޯޅަ ދިޔައީ މަތިން ބޭރަށެވެ.

ފަޅު ދަނޑެއްގައި ކުޅުނު މި މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އެއްވަރު ވެގެން ޖެހި ޕެނަލްޓީ ގައި ނަޕޯލީން ވަނީ އެޓީމްގެ ހަތަރު ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ. ޔުވެންޓަސް އަށް ވައްދާލެވުނީ ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ އެވެ. ޕައޮލޯ ޑިބާލާގެ ޕެނަލްޓީ ނަޕޯލީގެ ކީޕަރު މެރެޓް މަތަކުރިއިރު ޑެނީލޯ ޖެހި ޕެނަލްޓީ ދިޔައީ ގޯލުގެ މަތިން ބޭރަށެވެ. ޔުވެންޓަސް އަށް ކާމިޔާބުކުރެވުނީ ލިއޮނާޑޯ ބޮނޫޗީ އާއި އެއަރޮން ރަމްސީ ޖެހި ޕެނަލްޓީތަކެވެ.

ނަޕޯލީ އިން ޖެހި ޕެނަލްޓީތަކުގައި ލޮރެންޒޯ އިންސީނޭ އާއި މަޓެއޯ ޕޮލިޓާނޯ އާއި ނިކޮލާ މަކްސިމޮވިޗް އަދި އަރެކް މިލިޗް ވަނީ ބުފޮންގެ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.