ކޮވިޑް-19 އާ ހެދި މެދުކަނޑާލާފައި އޮތުމަށްފަހު ރޭ އަލުން ފެށި އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލްއާ ދެކޮޅަށް ކުޅެ މެންޗެސްޓާ ސިޓީ އިން ފުރިހަމަ މޮޅެއްް ހޯދައިފިއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 3-0 އިންނެވެ. މެޗްގައި ސިޓީން ޖެހި ފުރަތަމަ ގޯލް ފުރަތަމަ ހާފް ނިމެން ގާތްވެފައި ވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ރަހީމް ސްޓާލިންގްއެވެ. މިއީ އާސެނަލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ސްޓާލިންގް ކާމިޔާބުކުރި ގޯލެކެވެ.

ލުއިޒް އަކީ އަނިޔާގެ ސަބަބުން އާސެނަލްގެ ޑިފެންޑަރު ޕަބްލޯގެ ބަދަލުގައި އެރި ކުޅުންތެރިޔެކެވެ. މެޗްގެ ފުރަތަމަ ވިއްސަކަށް މިނިޓް ތެރޭ އަނިޔާގެ ސަބަބުން ދެ ބަދަލެއް އާސެނަލުން ގެނައި އިރު ލުއިޒްގެ އިތުރުން ދެން ކުޅެން އެރީ ގްރޭނިޓް ޝާކާގެ ބަދަލުގައި ސްޕެއިންގެ ޒުވާން މިޑްފީލްޑަރު ޑެނީ ސެބާޔޯސް އެވެ.

ސީޓީން މެޗްގައި ކާމިޔާބުކުރި ދެވަނަ ގޯލަކީ ވެސް ލުއިޒް ހެދި ގޯހަކުން ލިބުނު ޕެނަލްޓީއެއްގައި އެޓީމުން ޖެހި ގޯލެކެވެ. ދެވަނަ ހާފްގެ 51 ވަނަ މިނެޓްގައި އާސެނަލްގެ ޕެނަލްޓީ އޭރިޔާގެ ތެރެއިން ސިޓީގެ ރިޔާދް މަހްރޭޒް އަށް ލުއިޒް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނެލްޓީގައި ގޯލްގެ ތެރެއަށް ބޯޅަ ވައްދާލައިގެން ސިޓީ އަށް ލީޑް ފުޅާކޮށްދިނީ މެޗްގައި މޮޅު ކުޅުމެއް ދެއްކި ބެލްޖިއަމްގެ ކެވިން ޑެބްރައިންއެވެ. މަހްރޭޒަށް ކުރި ފައުލާ ގުޅިގެން ލުއިޒް އަށް ރަތް ކާޑް ދައްކައި ރެފްރީ ވަނީ އޭނާ ދަނޑުން ފޮނުވާލައިފައެވެ.

ސިޓީގެ ފަހު ގޯލް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަަރު ފިލް ފޮޑެންއެވެ. ފޮޑެން ގޯލް ޖެހީ މެޗްގެ އިތުރު ވަގުތުގައި ސިޓީގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ އާސެނަލްގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަ ގޯލްކީޕަރު ދިފާއުކުރުމުން ރީބައުންޑްގައި އަލުން އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މި މެޗުން ބަލިވުމާއެކު ގަދަ ހަތަރެއްގެ ޖާގައެއް ހޯދައި އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދުމަށް އާސެނަލް ކުރަމުން އަންނަ މަސަތްކަތަށް ވަނީ އަނެއްކާވެސް ހުރަސްތަކަކާ ކުރިމަތިވެފައެވެ. 40 ޕޮއިންޓާއެކު ނުވަ ވަނައިގައި މިވަގުތު އާސެނަލް އޮތްއިރު ހަތަރު ވަނައިގައި އޮތް ޗެލްސީއާ އެ ޓީމާއި ދެމެދު އަށް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އަނެއްކޮޅުން ސިޓީ މޮޅުވުމުން ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލްގެ ލީޑު ވަނީ 22 ޕޮއިންޓަށް ކުޑަވެފަ އެވެ. ލިވަޕޫލަށް 29 މެޗުން 82 ޕޮއިންޓް ލިބިފައިވާއިރު، ސިޓީގެ އޮތީ 29 މެޗުން 60 ޕޮއިންޓެވެ. ލީގް ޗެމްޕިއަންކަން ކަށަވަރު ކުރަން ލިވަޕޫލަށް ބޭނުންވަނީ އެންމެ 6 ޕޮއިންޓެވެ. ލިވަޕޫލް ކުޅޭ ފުރަތަމަ މެޗްގައި ނުކުންނާނީ އެވަޓަންއާ ދެކޮޅަށެވެ.

ބޮޑު މެދުކެނޑުމަކަށްފަހު ލީގު އަލުން ފެށި މެޗުގައި ކުޅުނީ ޝެފީލްޑް ޔުނައިޓެޑާއި އެސްޓަން ވިލާއެވެ. މި މެޗް ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރު ވެގެންނެވެ.