ޔޫރަޕްގައި މިވަގުތު ހުރި އެންމެ ހުނަރުވެރި ފޯވާޑުންގެ ތެރޭގައި ހިމެނޭ ޖަރުމަނުގެ އާރުބީ ލީޕްޒިގަށް ކުޅެމުން އަންނަ ޓީމޯ ވާނާގެ ސޮއި އިނގިރޭސިވިލާތުގެ ޗެލްސީ އިން ހޯދައިފިއެވެ.

އުމުރުން 24 އަހަރުގެ ވާނާ ޗެލްސީ އަށް ބަދަލުވެފައިވާކަން އެޓީމުން ވަނީ ކަށަވަރުކޮށްދީފައެވެ. ޗެލްސީން ހާމަކޮށްފައިވާ ގޮތުގައި ވާނާގެ ސޮއި އެ ކްލަބުން ހޯދައިފައިވަނީ 47.5 މިލިއަން ޕައުންޑަށެވެ. އެއީ އޭނާ ލީޕްޒިގާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ދައްކަން ޖެހޭ އަދަދެވެ.

ރިޕޯޓްތައް ބުނާގޮތުން ވާނާ ޗެލްސީ އަށް ބަދަލުވާން ނިންމީ ފަސް އަހަރުގެ ދުވަހުގެ މުއްދަތެއްގެ ދަށުން ހަފްތާއަކު 170،000 ޕައުންޑްގެ މުސާރަ އަކަށެވެ. 24 އަހަރުގެ ވާނާ އަކީ ޔޫރަޕްގައި މިހާރު ހުރި އެންމެ ވިދުންގަދަ އެއް ތަރި އެވެ. މި ސީޒަނުގައި ވާނާ ވަނީ ލީޕްޒިގަށް ކުޅުނު 43 މެޗުގައި 32 ގޯލު ޖަހައި އަދި އިތުރު 13 ގޯލް ޖަހަން އެހީތެރިވެދީފަ އެވެ.

ވާނާ ގެންދަން މިދިޔަ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ވެސް ބައެއް ކްލަބްތަކުން ވަނީ މަސައްކަތްކޮށްފަ އެވެ. އޭރު ވާނާގެ އަގު ހުރީ މިހާރުގެ އަގަށް ވުރެ 23 މިލިއަން ޕައުންޑް ދަށުގަ އެވެ. އޭނާ ހޯދުމަށް މީގެ ކުރިން އިންޓަ މިލާނާއި، ބާސެލޯނާ އާއި، މެންޗެސްޓާ ޔުނައިޓެޑް އަދި ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލުން ވެސް ވަނީ މަސައްކަތްކޮށްފަ އެވެ.

މީގެ ތެރެއިން ވާނާ އަށް އެންމެ ބޮޑަށް ފާރަލީ ލިވަޕޫލުންނެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްގެ އިރުޝާދުގެ ދަށުން ކުޅެން ބޭނުންވާ ކަމަށް ވާނާ މީގެ ކުރިން ބުނެފައިވާއިރު އޭނާ އެ ކްލަބަށް ބަދަލުވުމުގެ ފުރުސަތު އޮތީ ވަރަށް ބޮޑުކޮށެވެ. އެހެންނަމަވެސް އެ ޑީލަށް ހުރަސް އެޅުނީ ވާނާގެ ރިލީޒް ކްލޯސް އަށްވާ އަދަދު ލިވަޕޫލަށް މާ ބޮޑުވުމުންނެވެ.

ވާނާ އަކީ ޗެލްސީން ރިލީޒް ކްލޯސް ދައްކައިގެން އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ހޯދި ދެވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެ ކްލަބުން ވަނީ އަޔެކްސްގެ ތަރި ހަކީމް ޒިޔެޗްގެ ސޮއި ވެސް ހޯދައިފައެވެ. ޒިޔެޗް އާއި ވާނާ އަށްފަހު ޗެލްސީގެ އަމާޒު މިހާރު ހުރީ ލެސްޓާ ސިޓީ އަށް ކުޅެމުން އަންނަ އިނގިރޭސި ޑިފެންޑަރު ބެން ޗިލްވެލް އަށެވެ.